މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ދެކޮޅަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޑޮކްޓަރަށް ދައްކަންދާ މީހުންގެ ތެރެއިން ބަލީގެ އަލާމަތްތައް ފެންނަ މީހުންނަށް ހިލޭ އީއާރު ކޮންސަލްޓޭޝަން ފޯރުކޮށްދޭން ނިންމައިފި އެވެ.
މިއަދު ޓްރީޓޮޕުން ނެރުނު އިއުލާނެއްގައި ބުނީ މިއީ ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން މި މަހުގެ 12ވަނަ ދުވަހު އަމަލުކުރަން ފެށި އާ އުސޫލުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.
ޓްރީ ޓޮޕުން ބުނީ ޑޮކްޓަރަށް ދައްކަންދާ މީހުންގެ ތެރެއިން ހުން، ރޯގާ، ނޭވާލާ ނިޒާމުގެ ބަލިތައް އަދި ކޯވިޑް-19 ވައިރަސްގެ އަލާމާތްތައް ހުންނަ މެހެމާނުން އެމަޖެންސީ ރޫމަށް ގެންގޮސްދިނުމުގެ އިތުރުން ހިލޭ އީއާރު ކޮންސަލްޓޭޝަން ލިބިވަޑައިގަންނަވާނެކަމަށް ޓްރީ ޓޮޕުން ބުނެ އެވެ.
ޓްރީ ޓޮޕުން އިތުރަށް ބުނީ ހުރިހާ ޕޭޝަންޓުން ވެސް ދަތުރުކުރި ތަންތަނާ ބެހޭގޮތުން ހާއްސަ ފޯމެއް ފުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ޓްރީ ޓޮޕްގައި ބަލިމީހުންނަށް ޒިޔާރަތްކުރާ ވަގުތުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
އެގޮތުން އިން-ޕޭޝަންޓް ޕްރައިވެޓް ރޫމްސް އަދި ސުއީޓްސް އަށް ޒިޔާރަތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތުތަކަކީ ހެނދުނު 11:00 އިން މެންދުރު 12:00އަށް އަދި ހަވީރު 18:00 އިން ރޭގަނޑު 19:00އާ ހަމައަށެވެ.
ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ފަހަރަކު އެކަކު ޒިޔާރަތް ކުރުމަށާއި 14 އަހަރުން ދަށުގެ ކުޑަކުދިން އެ ސަރަހައްދުތަކަށް ޒިޔާރަތް ނުކުރުމަށް ވެސް ޓްރީ ޓޮޕުން އިލްތިމާސް ކުރެ އެވެ.
ޓްރީ ޓޮޕްއިން ބުނީ އެ ހޮސްޕިޓަލުން އަބަދުވެސް އެންމެ އިސްކަންދޭނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް