ފެން ހިލޭ ދެނީ އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންގެ ބިލުން އުނިކޮށްގެން

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެމްޑަބްލިއުއެސްސީން އެއްޓަނުގެ ފެން ދެނީ އެ ކުންފުނީގެ ކަސްޓަމަރުންގެ ފެން ބިލުން އުނިކޮށްގެން ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ. އެމްޑަބްލިއުއެސްސީން މިއަދު ބޭއްވި ނ...

15 Mar 2020 | 09:25

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެމްޑަބްލިއުއެސްސީން އެއްޓަނުގެ ފެން ދެނީ އެ ކުންފުނީގެ ކަސްޓަމަރުންގެ ފެން ބިލުން އުނިކޮށްގެން ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެއް ޓަނުގެ ފެން ކޮންމެ ގޭބިސީއަކަށް ފޯރުކޮށްދޭނީ ދެން ފޮނުވާ ފެން ބިލުން އެއް ޓަނަށް އަރާ ފައިސާ އުނިކޮށްގެން ކަމަށެވެ. ޝާހު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ 12 މާޗުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ހިނގާ މުއްދަތުގައި ބޭނުންކުރާ ފެނުން އެއް ޓަނުގެ ފެނަށް އަރާ އަދަދު އުނިކޮށްދޭނެ ކަމަށެވެ.

ޝާހު ވިދާޅުވީ ފެން ބިލުން އުނިކޮށްގެން ހިލޭ އެއްޓަނުގެ ފެން ފޯރުކޮށްދޭން ނިންމީ ވައިރަހާއި ގުޅިގެން ގިނައިން އަތް ދޮވުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރާތީ އެކަމަށް ރައްޔިތުންނަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

އެމްޑަބްލިއުއެސްސީގައި ފެން ދޫކުރަނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. އެގޮތުން ބޭންޑް އޭގެ ދަށުން ޓަނަކަށް އަރާނީ 22 ރުފިޔާ އެވެ. ބޭންޑް ބީގެ ދަށުން ޓަނަކަށް 70 ރުފިޔާ އަރާ އިރު ބޭންޑް ސީގެ ދަށުން ފެން ޓަނަކަށް އަރާނީ 90 ރުފިޔާއެވެ.

ޝާހު ވިދާޅުވީ އެއް ޓަނު ފެން ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކަމަށެވެ. އަދި އެގޮތުން އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށްދިނުމަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ވަރު ހޭދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގައި 44،033 ޑޮމެސްޓިކް ކަސްޓަމަރުން އެބަތިއްބެވެ.

އެމްޑަބްލިއުއެސްސީ ވެގެން ގޮސްފައިވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމީ ފުރަތަމަ ކުންފުންޏަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް