ކައުންސިލް އިންތިހާބުގެ ވޯޓުލާ ދުވަސް ފަސްކުރަން ހައި ކޯޓަށް ހުށަހަޅައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ވޯޓުލާ ދުވަސް ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައިސް އަހުމަދު ޝަރީފު ނޫސްވެރިނ...

15 Mar 2020 | 08:19

ކުރިޔަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ވޯޓުލާ ދުވަސް ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައިސް އަހުމަދު ޝަރީފު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިގޮތަށް ނިންމީ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންންނާއި ސިޔާސި ޕާޓީތަކުގެ ވެރިންނާއި އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ. އެ މައްސަލަ މިއަދު ހައިކޯޓަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާއިރު މައްސަލަ ފައިލްކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅީ މުޅި އިންތިހާބު ފަސް ކުރަން ނޫންް ކަމަށެވެ. އެއީ މުޅި އިންތިހާބު ފަސް ކުރާނަމަ އަލުން ބޮޑު ހަރަދެއް ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ މަޝްވަރާތަކަށް ފަހު ނިންމީ ހަމަ އެކަނި ވޯޓުލާ ދުވަސް ބަދަލު ކުރުމަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގަ އެދިފައިވަނީ މިހާރު ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން މަދުވެގެން30 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައަޅައި ދިނުމަށެވެ.

ޝަރީފް ވިދާޅުވީ މިގޮތަށް ހުށަހެޅީ މިހާރު ފަސްކޮށްފައިވާ ތާރީހު ކަމަށްވާ18 އޭޕްރިލްގައި އިންތިހާބު ބާއްވައިފި ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަ އޭޕްރިލް11 ވަނަ ދުވަހުން ފެށިގެން އެ މުއްދަތުގެ ތެރޭގައި ކެމްޕެއިން ކުރަން ފުރުސަތު ނުލިބުމާއި އިންތިހާބަށް ތައްޔާރުވާން ކޮމިޝަނަށް ވަގުތު ނުލިބޭތީ އެވެ.

އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ނުނިމި ހުރީ ތިން މަސައްކަތެކެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމާއި ވޯޓުލާ ދުވަސް ބަދަލުވުމުން އެދުވަހާ ހަމައަށް ވޯޓާސް ލިސްޓަށް އިތުރުވާ މީހުންނަށް ރީ ރަޖިސްޓްރީ ކުރަން ފުރުސަތު ދިނުމުގެ އިތުރުން ވޯޓު ފޮށިތައް ކައިރީ ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރުން އެކަންޏެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް