ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޯވިޑް-19 މިހާރު ރާއްޖެއިން ވެސް ފެނިފައިވާއިރު، އޭގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) އާ ހަމައަށް ލޯނު ދޭން ނިންމައިފި އެވެ.
ބީއެމްއެލްއިން މިއަދު ބޭއްވި ނިއުސް ބްރީފިންއެއްގައި ބުނީ މިއީ ޓޫރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެހީވުމުގެ ގޮތުން، ޓޫރިޒަމް މިނިސްޓްރީ އާއި މަޓީ ގުޅިގެން ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޝޯޓް ޓާމް ފައިނޭންސިންއެއްގެ ގޮތުގައި ތައާރަފްކުރި ލޯނެއް ކަމަށެވެ.
މި ފައިނޭންސިންގެ ދަށުން ދޫކުރާނީ މިހާރު އޮޕަރޭޓް ކުރާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް މެނޭޖު ކުރުމަށެވެ. އެ ފައިސާ އަނބުރާ ދައްކަން ތިން އަހަރު ލިބޭނެ ކަމަށާއި، ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް މި ލޯނަށް ކުރިމަތިލެވޭނެ ކަމަށް ބީއެމްއެލްއިން ބުނިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ލިބޭނެ ގެއްލުން މުޅިން ވަޒަން ކޮށްލެވޭނީ، މިކަން ދިގުދެމިގެންދާ މުއްދަތަކާއި އަސަރު ކުރާނެ ނިސްބަތުން ކަމަށް ވީ ނަމަވެސް މިހާރު ވެސް ޓޫރިޒަމާއި ދިވެހި ވިޔަފާރިތަކަށް މިވަނީ ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިވެފައި ކަމަށެވެ. އަދި މިއަދު މި ތައާރަފްކުރާ ޝޯޓް ޓާމް ފައިނޭންސިން އަކީ މި ދަނޑިވަޅުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް އެކަށޭނެ ފައިނޭންސިން އެއް ކަމަށް ސޯޔާ ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް