މާލޭގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީސް -
ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން
ޑިސްކައުންޓް ދިނުމަށް ވަކި ބިލެއް ތައްޔާރުކުރުމަށްޓަކައި، މާދަމާއިން ފެށިގެން
ރީޑިން ނަގަން ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ)
އިން ބުނެފިއެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ
ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މި
ނިންމެވުމާ އެއްގޮތަށް ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށްޓަކައި ރީޑިން
ނެގުމުގެ މަސައްކަތް 16 ފެބުރުއަރީ 2026 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށް
އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ރަމަޟާން މަހާ ދިމާކޮށް
ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ލުއި ފަސޭހަ ގޮތްތަކެއް
ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ދިނުމާއި، ކަރަންޓު އަދި ފެން ބިލުން
ޑިސްކައުންޓުތަކެއް ދިނުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހުގައި ވެސް ސަރުކާރުން ވަނީ ކަރަންޓު ބިލާއި
ފެން ބިލުން ޑިސްކައުންޓް ދީފައެވެ. އެ ފަހަރު ޑިސްކައުންޓް ދިނުމަށްޓަކައި
ސަރުކާރުން 130 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މިފަހަރުގެ މި ނިންމެވުމަކީ ވެސް ރޯދަ މަހު އާންމުކޮށް ކަރަންޓު ބޭނުންކުރާ
މިންވަރު އިތުރުވުމާ ގުޅިގެން ބިލުތައް ބޮޑުވުމުން ރައްޔިތުންނަށް އުފުލަންޖެހޭ
ބުރަ ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް