ސްޓެލްކޯގެ އެމްޑީ ވަކިކޮށް ހިންގުން ޑީއެމްޑީ އަޒްވަރާ ހަވާލުކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށް، އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާ ހަވާލުކޮށްފިއެވެ. މިދިޔަ އަ...

11 Jan 2026 | 10:34
N/A

N/A

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށް، އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާ ހަވާލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގައި ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވި ޝަމާހު، ހަތަރު މަސް ފަހުން އެ މަގާމުން ވަކިކުރި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ. ސްޓެލްކޯގެ ހިންގުން ޑީއެމްޑީ އަޒްވަރާ ހަވާލުކުރީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އަޒްވަރު ހިންގުމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވެ، ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑް ނުވަތަ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒު ވެސް މަގާމުގެ ޒިންމާތަކުން ދުރުކޮށްފައިވެއެވެ. ނަމަވެސް އަޒްހަދު ސްޓެލްކޯގެ ވަޒީފާއިން ވަކިކޮށްފައެއް ނުވެއެވެ.

އަޒްހަދު ޒިންމާތަކުން ދުރުކުރިއިރު، ޝަމާހު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯއެއްގައި ސްޓެލްކޯ މެދުވެރިކޮށް ނާޖާއިޒު މަންފާ ހޯދާ ވާހަކަ ދައްކާއިރު، އެ އޯޑިއޯގައި އަޒްހަދުގެ ނަން ގެނެސްފައިވެއެވެ.

ސްޓެލްކޯ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ޑރ. އަޒްވަރަކީ 1997 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމާއި ކަސްޓަމާ ސާވިސަސް އަދި ބިޒްނަސް ޑިވެލޮޕްމަންޓުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. ޝަމާހަކީ މި ސަރުކާރުން ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރި ދެ ވަނަ ފަރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް