ދިވެހި ނޫސްވެރިންނަކީ ޝައިތާނުންގެ ގޮތުގައި ސިފަކުރައްވާފަދަ ގޮތަކަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓުވީޓުގެ މާނަ އެ އޮފީހުގެ މީޑިއާ އޮފިޝަލް ސާފުކޮށްދެއްވައިފި އެވެ.
ޝަމީމް މިއަދު މެންދުރު ފަހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ "ބާރު ސްޕީޑުގައި މުއައްސަސާތަކުގެ ހިންގުން ގެންގޮސް އެންމެންގެވެސް ވަގުތު ސަލާމަތް ކުރަން ބާރު އަޅާފަ ބެލިއިރު، ބައެއް ނޫސްވެރިން ތިބީ 'ކުނި' ވެފައި ހުރި އިއްޔެ މެންދުރުގެ ވާހަކައިން ހަބަރު ހަދައިގެންނެވެ. ބައެއް ކަންކަމުގައި 'އަވަސްވެ ގަތުމަކީ ޝައިތޯނާ' ގެ ކަމެކެވެ." މިހެންނެވެ.
ޕީޖީގެ މި ޓުވީޓާއި އެކު ގިނަ ނޫސްވެރިން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދަނިކޮށް ޝަމީމް ވަނީ އެ ޓުވީޓު ޑިލީޓް ކޮށްލާފައި އެވެ. އެންމެ ފަހުން ނޫސްވެރިން ވަނީ ޕީޖީ އޮފީހަށް އެ ސުވާލު އަމާޒު ކުރަން ފަށާފައި އެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ނޫސްވެރިންނަކީ ޝައިތާނުންގެ ގޮތުގައި ޝަމީމް ސިފަ ނުކުރައްވާ ކަމަށެވެ. އެކަމަކު ޝަމީމް އެ ވިދާޅުވި އެއްޗެއްގެ މާނަ އަދި ޓުވީޓާއި ގުޅޭ އިތުރު މައުލޫމާތު ޝަފީއު ދެއްވާފައެއް ނުވެ އެވެ.
ޝަމީމް އަކީ ކަމަކާއި މެދު ހިތްހަމަ ޖެހިވަޑައިގެން ނުގަންނަވާނަމަ އެއްވެސް ހިފެހެއްޓުމެއް ނެތި އެކަން ހާމަ ކުރައްވާ ބޭފުޅެކެވެ. މީގެ ކުރިން ޝަމީމް ގައުމުގެ އެކި ކަންކަމާއި ގުޅޭ ގޮތުންނާއި ކޯޓުތަކުގެ ނިންމުންތަކާއި ގުޅޭގޮތުން ކުރައްވާފައިވާ ބައެއް ޓުވީޓުތަކުން އެކަން ހާމަވެ އެވެ.
އެކަމަކު އެފަދަ ޓުވީޓެއް މި ނޫނީ ޑިލީޓް ކުރައްވާފައެއް ނުވެ އެވ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް