ކައިވެނިތައް ރޫޅެނީ ހިތުން ލޯބިނުވެ ލޯބިވެޔޭ ބުނާތީ - މުފްތީ މެންކް

މުފްތީ މެންކް ގެ ވީޑިއޯގައި ވިދާޅުވެފައިވަނީ ލޯތްބަކީ ދުލުން ބުނާ ބަހެއް ނޫން ކަމަށެވެ. އަދި ލޯތްބަކީ ހިތުންވާ ކަމެއް ކަމަށާއި ހިތުން ލޯބިވުމަކީ ވަރަށް މަތިވެރި ޤުރުބާނީއެއްކަމަށެވެ. ވަރަށް ލޯބިވާކަމަ...

15 Feb 2021 | 14:32

މުފްތީ މެންކް ގެ ވީޑިއޯގައި ވިދާޅުވެފައިވަނީ ލޯތްބަކީ ދުލުން ބުނާ ބަހެއް ނޫން ކަމަށެވެ. އަދި ލޯތްބަކީ ހިތުންވާ ކަމެއް ކަމަށާއި ހިތުން ލޯބިވުމަކީ ވަރަށް މަތިވެރި ޤުރުބާނީއެއްކަމަށެވެ. ވަރަށް ލޯބިވާކަމަށް ބުނެ އެކުގައި ގިނަ ދުވަސްތައް ހޭދަކުރުމަށްފަހު ކުރާ ކައިވެނިތައް ނުހަނު އަވަހަށް ރޫޅިގެންދާ ކަމަށެވެ. އަދި އެގޮތަށް  ކައިވެނިތައް ރޫޅިގެންދާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ދުނިޔެވީ އެދުންތައް ކަމުގައެވެ. އެގޮތުން ކުރިން އުޅުން ފަދައިން އުފަލުގައި ރޭގަނޑާއި ހަވީރުގެ ވަގުތުތައް ހޭދަ ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުންވެސް ބުނެފައިވެއެވެ. "އިއްޔެ ބުނަމުން އައީ ތިބާ ދެކެ ވަރަށް ލޯބިވާކަމަށް. ރީތި އެހެން މީހަކު ފެންނައިރަށް އެމީހާ ކައިރީވެސް ބުނަނީ ވަރަށް ލޯބިވާ ކަމަށް. ހަމަ ކުއްލިއަކަށް ލޯބި އެބަދަލުވަނީ. އެއީ ހަޤީޤީ ލޯތްބެއް ނޫން.“

މުފްތީ މެންކްގެ ވީޑިއޯގައި ވިދާޅުވެފައިވަނީ ހަޤީޤީ ލޯތްބަކީ ވަރަށް މަތިވެރި ޤުރުބާނީއެއް ކަމަށެވެ. އަދި ޙަޤީޤީ ލޯބިވާނަމަ ދުނިޔެވީ ކަންކަމުގައި ކުރިމަތިވާ ދަތިތަކަށް ކެތްތެރިވާނެ ކަމުގައެވެ. އެއީ ތަކުލީފެއް ކަމަށް ނުދެކޭނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އަދިވެސް އިތުރަށް ވިދާޅުވީ “ މީހުން ކައިވެނިކުރާ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން  މުއްސަނދިކަމާއި ސިފަ އާއި އެނޫންވެސް ސަބަބުތައް ހިމެނޭއިރު, ދީނަކީވެސް އެއް ސަބަބުކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު صلى الله عليه وسلم ޙަދީޘްފުޅު ކުރައްވަފައިވޭ. އަދި ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ރަނގަޅު ކައިވެންޏަކީ އެންމެ ފަހު ސަބަބަށް (ދީނަށް) ޓަކައި ކުރެވޭ ކައިވެނި ކަމަށް. މުއްސަނދިކަމަކީ އަބަދު ނުވަތަ ދާއިމަށް އޮންނާނެ އެއްޗެއް ނޫން. މުއްސަނދިކަމަކީ ތިމާމެންނާއި އަބަދުވެސް ވަކިވެގެންދާނެ އެއްޗެއް. މުއްސަނދިކަމަށް ދަހިވެތިވެގެން ކުރެވޭ ކައިވެނިތަކަކީ އެކަން ގެއްލިގެން ދިއުމުން ރޫޅޭނެ ކައިވެނިތަކެއް“. މުފްތީ ވިދާޅުވިއެވެ.

އެގޮތުން މުއްސަނދިކަން ލިބިފައިވާނަމަ ވީހާވެސް ގިނައިން މާތް ﷲ ގެ މަގުގައި ހޭދަކުރުމަށް މުފްތީ މެންކް ވަނީ ގޮވާލައްވައިފައެވެ. ”މިއީ އެންމެންވެސް ފައިސާއަށް ނުހަނު ބޭނުންވެފައިވާ ޒަމާނެއް! މީހުން މަރުވުމުން އަހަރެމެންނަށް މިކަން ވަރަށް ރަނގަޅަށް އެނގިގެން އެބަ ދޭ! އެއީ 500 ޑޮލަރު ދޫކޮށްފައި މީހަކު މަރުވެއްޖެނަމަ އެއާ އަޅާލާނެ މީހަކުވެސް ހަމަ ނުވެ. އެހެންނަމަވެސް 500 މިލިއަން ޑޮލަރު ދޫކޮށްފައި މީހަކު މަރުވެއްޖެނަމަ ވަނީ ކިހިނެއްތޯ؟ ޑީއެންއޭ ހަދައިގެން ނަމަވެސް ވާރުތަވެރިއަކަށް ވެވޭތޯ އެބަ ބަލާ.! ސުބްޙާނަﷲ!“

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް