އައްޑޫ ސިޓީ ފޭދޫއިން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވާ ގޮތުގައި މިއަދު އެ ސިޓީގެ ރަށްތަކުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ އެންމެ މީހެކެވެ. އެއީ ފޭދޫއިން ޕޮސިޓިވްވި މީހާ އެވެ
އެ ކޭސް އާއި އެކު އައްޑޫ ފޭދޫގައި މިވަގުތު ކޯވިޑަށް ޕޮސިޓިވް 12 މީހުން އެބަތިއްބެވެ. ފޭދޫއިން ޕޮސިޓިވްވަމުން ދަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އުފެދިފައިވާ އޭވިއޭޝަން ކްލަސްޓާ އާއި ގުޅުން ހުރި މީހުންނެވެ.
އެ ކްލަސްޓާއިން މިހާތަނަށް 41 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. އެއީ ފޭދޫއިން 12 މީހުންނާއި، ހިތަދޫއިން 20 މީހުން އަދި މަރަދޫފޭދޫއިން ހަތަރު މީހުންނެވެ. ދެން އެ ކްލަސްޓާ އާއި ގުޅުން ހުރި މީހުން ޕޮސިޓިވްވެފައިވަނީ މާލެއިން ދެ މީހުންނާއި ގދ. ތިނަދޫއިން ތިން މީހެކެވެ.
އައްޑޫ ސިޓީ ދެވަނަ ކްލަސްޓާ ކަމަށްވާ ހުޅުމީދޫ އެމްޓީސީސީ ސައިޓުން އިތުރު މީހަކު ޕޮސިޓިވްވެފައެއް ނުވެ އެވެ. މިހާތަނަށް އެ ކްލަސްޓާއިން ޕޮސިޓިވްވެފައިވަނީ 25 މީހުންނެވެ.
އައްޑޫ ސިޓީގައި މިހާރު ތިބި ޕޮސިޓިވް މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުންދަނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ.
ކޭސްތަކާއި ގުޅުން ހުރި މީހުންގެ ގޮތުގައި އެ ސިޓީގައި 341 މީހަކު ދެނެގަނެވިފައިވެ އެވެ. އަދި 226 ގެއެއް ހުރީ ކަރަންޓީން ކޮށްފައި އެވެ.
އައްޑޫ ސިޓީގެ ދެ ކްލަސްޓާ އާއި ގުޅިގެން މުޅި ސިޓީ އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. އަދި ރޭގަނޑު ކާފިއު ހިންގަމުންދާއިރު ސްކޫލްތަކާއި ކޮލެޖު، ޔުނިވާސިޓީތަކުގައި ކިޔަވައިދިނުން ވަނީ މަނާކޮށްފައި އެވެ.
އާންމުކޮށް މަގުމަތީގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް އުޅުން މަނާކޮށްފައިވާއިރު އާންމު ދަތުރުފަތުރު ކުރުމުގައި ޓެކްސީތަކުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރަން ޖެހެ އެވެ.
އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޑެލިވަރީގެ ހިދުމަތް އެކަނި ދިނުމަށް އެޗްޕީއޭއިން ވަނީ އަންގާފައި އެވެ. މީގެ އިތުރުން ކުޅިވަރު އަދި ކަސްރަތު މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް