ޗައިނާއިން ކޯވިޑް-19 އަށް އުފައްދާފައިވާ ސިނޯފާމް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރޮޓީ (އެމްއެފްޑީއޭ) އިން ފަށައިފި އެވެ.
ރާއްޖޭގައި މިމަހުގެ އެއް ވަނަ ދުުވަހު ކޯވިޑް-19 އަށް ވެކްސިން ދޭން ވަނީ ފަށާފައި އެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުން ދަނީ ކޮވިޝީލްޑު ވެކްސިނެވެ.
އެޗްއީއޯސީން މިއަދު ބުނީ ސިނޯފާމް ވެކްސިނަށް ރާއްޖޭގައި ހުއްދަ ދިނުމުގައި ބަލަން ޖެހޭ ކަންކަމާއި ގުޅޭ ދިރާސާތައް އެމްއެފްޑީއޭއިން ކުރަން ފަށާފައިވާ ކަމަށެވެ. އެކަމަކު ލިޔެކިޔުންތަކާއި އެ ވެކްސިނާއި ގުޅޭ ދިރާސާތައް ފެށި ފަހުން އެ މަސައްކަތް ނިމޭނެ ދުވަހެއް އެ އޮތޯރިޓީން ހާމަކޮށްފައި ނުވާ ކަމަށެވެ.
އަދި އެ ވެކްސިން ބޭނުން ކުރަން ފެށުމުގެ ހުއްދަ ދެވޭނެ ވަކި ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށް ބުނެ އެވެ.
ސިނޯފާމް ވެކްސިންގެ 10،000 ޑޯޒު މިހާރު ރާއްޖޭގައި ރައްކާކުރެވިފައި އެބަ ހުއްޓެވެ. އެއީ ހެޔޮ އެދޭ ދެ ފަރާތަކުން ދީފައިވާ ވެކްސިން ޑޯޒުތަކެކެވެ.
އެޗްއީއޯސީން ކުރިން ބުނެފައިވަނީ ސިނޯފާމް ވެކްސިނަށް އެމްއެފްޑީއޭއިން ހުއްދަ ދިންހާ އަވަހަކަށް ރާއްޖޭގައި އެ ވެކްސިން ދޭން ފަށާނެ ކަމަށެވެ. ސިނޯފަމް ވެކްސިންގެ 5،000 ޑޯޒު ހެޔޮ އެދޭ ފަރާތަކުން އެންމެ ފުރަތަމަ ހަދިޔާ ކުރިކަން އެޗްއީއޯސީން ހާމަ ކުރީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.
ރާއްޖޭގައި މިހާރު ކޯވިޑަށް ވެކްސިން ދިނުމަށް ބޭނުން ކުރާ ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާ ސަރުކާރުން ހަދިޔާ ކުރީ 100،000 ޑޯޒު ވެކްސިނެވެ. މި ވެކްސިން ޑޯޒުތައް ރާއްޖެއަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ އެވެ.
ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ އެ ވެކްސިން ޑޯޒުތައް ގެނައިތާ ހަ ދުވަސް ތެރޭގައި އެމްއެފްޑީއޭއިން ވަނީ ދީފަ އެވެ. ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް އެ އޮތޯރިޓީން މިދިޔަ މަހުގެ 26 ވަނަ ދުވަހު ދޫކޮށްފައިވަނީ ވަގުތީ ހުއްދައެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް