ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ކޯވިޑް-19 ވެކްސިން ދިނުމަށް މާދަމާ ރެޖިސްޓްރީ ކުރަން ފަށަން ނިންމައިފި އެވެ.
މިމަސައްކަތް ކުރަނީ އެޗްޕީއޭއާއި ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުންނެވެ.
މޯލްޑިވްސް ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ގަވައިދާ ހިލާފަށް އޫޅޭ ބިދޭސީން ރެޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ބިދޭސީން ރެޖިސްޓްރީ ކޮށްދޭނީ ބެނިފިޝަރީ ދަފްތަރުގައި ކަމަށެވެ.
އެ ދަފްތަރުގައި ރެޖިސްޓްރީވުމަށް އެޕޮއިންޓްމެންޓް ހޯދުމަށް ގުޅަން ޖެހެނީ ރެޑް ކްރެސެންޓުގެ ނަމްބަރު 9114584 ނަމްބަރަށެވެ.
ހިމްޔާ ވިދާޅުވީ ދުވާލަކު ގާތްގަނޑަކަށް 250 ބިދޭސީން ރެޖިސްޓްރީ ކޮށްދެވޭނެ ކަމަށެވެ. އަދި ޕޯޓަލްގައި ރެޖިސްޓްރީ ކުރުމުން ވެކްސިން ޖަހަން ދާން ސެންޓަރުތަކުން އެ ބިދޭސީންނަށް ގުޅަމުންދާނެ ކަމަށް ވިދާޅުވި އެވެ.
ހިމްޔާ އިތުރަށް ވިދާޅުވީ އެފަދަ ބިދޭސީން ޕޯޓަލްގައި ރެޖިސްޓްރީކޮށް ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ކުންފުނިކަށް ރެޑް ކްރެސެންޓުން އަންގަމުންދާނެ ކަމަށެވެ. އަދި ރެޑްކްރެސެންޓުގެ އަތޮޅު ތެރޭގެ ގޮފިތައް މެދުވެރިކޮށްވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިނަށް ރެޖިސްޓްރީ ވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ހިމްޔާ ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ކުންފުނިތަކުން ބިދޭސީން ރެޖިސްޓްރީ ވުމަށް އެހީތެރިވެދިނުމަށް އިލްތިމާސް ކުރައްވާފައި އެވެ.
ކޯވިޑް-19 ވެކްސިން، ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ރާއްޖޭގައި ދިރިއުޅޭ އެެންމެންނަށް ހިލޭ ޖަހައިދޭނެ ކަމަށް ސަރުކާރުން ވަނީ ވައުދުވެފައި އެވެ. އެ ވައުދާއި އެއްގޮތަށް ދިވެހިންނާއި ބިދޭސީންނަށް ވެކްސިން ޖަހައިދެމުން ދާއިރު މި ވެކްސިން ނުޖަހާނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންނަށެވެ.
ކޯވިޑް-19 ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އެކަމަކު އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށް ބާރު އެޅުމަށް ޝަރުތުހަމަވާ އެންމެން ކޯވިޑް-19 ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައި އެވެ.
މިހާތަނަށް ރާއްޖޭގައި 38،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ. ރާއްޖޭގައި ބޭނުން ކުރަމުން ދަނީ ކޮވިޝީލްޑް ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް