72 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި 10 މީހުންނާއި ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަން އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮަޕަރޭޝަންގައި މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އަތުލައިތް މި މަސްތުވާތަކެތި ހުރީ ދެ ގޯންޏަކާއި ދަބަސްތަކަކަށް އަޅާފައި އެވެ. ފުލުހުން ބުނީ އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ “މަސްޖަރީ 2” ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގަ ހިމެނޭ 10 މީހުންގެ މައްޗަށް ދައުވާ ކުރަން މިއަދު ފޮނުވާފައިވާ ކަމަށެވެ. އެ އެންމެންނާއި ދެކޮޅަށް ކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލައިގަ ދައުވާ އުފުލާފައިވަނީ
1. ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔު
2. ރ. އިނގުރައިދޫ، އެލެސްކާ، މުޙައްމަދު ވިސާމް
3. ރ. އިނގުރައިދޫ، އެލެސްކާ، ޢަބްދުﷲ ވިސާމް
4. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަޙްމަދު ނަޞީރު
5. ކ. މާލެ، ހ. ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމް
6. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފް
7. ލ. ގަން-ތުނޑި، ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން
8. ރ. ރަސްގެތީމު، ފީރޯޒްގެ، އަޙްމަދު ޝިނާން
9. ތ. ތިމަރަފުށި، ތަނޑިރަތްމާގެ، މުޙައްމަދު ވަޖީޙު
10. ކ މާލެ، މއ. ކަނޑޫގެ، ޢަލީ އަޙުމަދު
ޝަފީއު ވިދާޅުވީ މީގެ ތެރެއިން ތިން މީހަކާއި ދެކޮޅަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. އެއީ އަހުމަދު ނަސީރު، މުހައްމަދު އަކްރަމް އަދި މުހައްމަދު ޝަރީފެވެ.
މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ތިބީ މުހައްމަދު ވިޝާމް އާއި އިރުފާން ތަގިއްޔު އެވެ. މި މައްސަލައިގަ އިތުރަށް ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މި މަސްތުވާތަކެތި އަތުލައިގަތުމުގެ އެއް ހަފްތާ ކުރިން އޮޕަރޭޝަން ފަށާފައި އެވެ. ފުލުހުން ބުނީ އެ ތަކެތި މާލެއަށް އެތެރެކޮށްފައިވަނީ “މަސްޖަރީ 2” ދޯނީގައި ގެނެސް ލޯންޗަކަށް އަރުވައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް