ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
އެ އަޑުއެހުން ތާވަލް ކޮށްފައި އޮތީ މިއަދު ހެނދުނު 9:30 އަށެވެ. ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން ކެންސަލް ކުރީ ޔާމީންގެ އެދިވަޑައިގެންނެވުމަށް ކަމަށެވެ.
ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން އުފުލާފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ފުއްގުރި މައްސަލައިގައި، އެމަނިކުފާނުގެ ދިފާއު ބިނާ ކުރުމަށް ބޭނުންވާ މުހިންމު ލިޔުންތަކެއް ދައުލަތުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ނުދީގެން އުޅެނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭސީސީއިން ތައްޔާރު ކުރި ރިޕޯޓެވެ.
މި ދައުވާ ކުރިއިރު މިހާރުވެސް އެމަނިކުފާނު ގެންދަވަނީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދު ކޮށްފައި އެވެ. މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޔާމީންގެ ވަކީލުންގެ ޓީމުން ނިންމާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް