ޖިހާދުގެ ޕާސްޕޯޓް ވަގުތީގޮތުން ހިފަހައްޓައިފިއެވެ.
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަަހައްޓަން ވަގުތީ އަމުރެއް ނެގެފައި ވަނީ ސުޕްރީމް ކޯޓުންނެވެ.
ސުޕްރީމް ކޯޓުން މި އަމުރު ނެރުނީ، ޖިހާދުގެ ޕާސްޕޯޓް ދޫކޮށްލަން ހައިކޯޓުން ނެރުނު އަމުރު ޕްރޮސެކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވުމުންނެވެ.
ޖިހާދުގެ ޑޮކްޓަރުންގެ ލިޔުންތައް ކޯޓަށް ހުށަހަޅައި އަދި އޭނާ އާއި ޖާމިނުވާނެ މީހަކު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމުން ވެސް އޭނާ ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަދޭން ދައުލަތުން ވަނީ ދެކޮޅު ހަދާފައެވެ.
ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، ޖިހާދު ފުރުން މަނާކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ހައިކޯޓުން ކަނޑައެޅި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު މައްސަލައަށް ގޮތެއް ކަނޑައަޅަންދެން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރުނީ، އޭނާ ރާއްޖެއިން ބޭރަށް ގޮސްފިނަމަ، އަނބުރާ ރާއްޖެ ނައުމުގެ އިޙްތިމާލު އޮތްކަމުގައި ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާތީއެވެ. އަދި އަދި އިސްތިއުނާފު ކޮށްފައިވާ އެ އަމުރާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާ ނުކޮށްފިނަމަ، އެ އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާ ޙާލަތުގައި، އެއިގެ ބާރުވެރިކަން ނުހިނގާފަދަ ޙާލަތެއް ކުރިމަތިވުމުގެ އިޚްތިމާލު އޮތަތީ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް