ސައުދީ އަރަބިއްޔާގެ ވަލީ އަހްދު، މުހައްމަދު ބިން ސަލްމާން (އެމްބީއެސް) 2015ގައި ރާއްޖޭގައި ހޭދަކުރި ޗުއްޓީގައި އޭނާއާއި އޭނާގެ ގާތް ރަހްމަތްތެރިންގެ އަރިހުގައި އެކި ގައުމުތަކަށް ނިސްބަތްވާ 150 ސުޕަރ މޮޑެލްސް ގެންގުޅުނުކަމަށް އެފްރިކާ ރިޕޯޓްސްއިން ރިޕޯޓްކޮށްފިއެވެ.
އެފްރިކާ ރިޕޯޓްސްއިން ރިޕޯޓްކޮށްފައިވާގޮތުގައި 2015 އިން 2017 އަށް، އެމްބީއެސްގެ މިފަދަ ޗުއްޓީތަކާއި ނާޗަރަންގީތަކަށް 1.8 ބިލިޔަން ޑޮލަރު ހޭދަކުރިއެވެ. އެ ރިޕޯޓްގައި ހާއްސަގޮތެއްގައި ރާއްޖޭގައި އެމްބީއެސް ހޭދަކުރި ޗުއްޓީގެ ތަފްސީލު ހާމަކޮށްފައިވެއެވެ.
އެގޮތުން ވެލާ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް އެ ރިސޯޓްގައި ހާއްސަ ތައްޔާރީތަކެއް ކުރިއަށްދިޔައިރު ކޮންމެ މުވައްޒަފަކަށް 5000 ޑޮލަރު ދިންކަމަށާއި އެމްބީއެސް އައުމުގެ ކުރިން ބްރެޒިލް އަދި ރަޝިޔާ ހިމެނޭހެން 150 ސުޕަރ މޮޑެލް އެ ރިސޯޓަށް ގެންގޮސް ބަލިތައް ހުރިތޯ ބަލާ ޓެސްޓްކުރުމަށްފަހު ދުރާލާ ޗެކިންތައް ހެދިކަމަށް ބުނެފައިވެއެވެ.
މީގެ އިތުރު ހަމަ އެ ޗުއްޓީއަށް ހާއްސަކޮށް، ރެޕަރ ޕިޓްބުލް، ޕޮޕް ސްޓާ ސައި އަދި ޑަޗް ޑީޖޭ އެފްރޯޖެކް ވެސް ވެލާ ރިސޯޓަށް ގެންދިޔަކަމަށް ބުނެފައިވެއެވެ. އެ ރިސޯޓުން ވަރަށް ހާއްސަ ހިދުމަތްތަކެއް އެމްބީއެސްއާއި އެމްބީއެސްގެ އެކުވެރިންނަށް އެ ދަތުރުގައި ދިންކަމަށް އެފްރިކާ ރިޕޯޓްސްގައި ރިޕޯޓްކޮށްފައިވެއެވެ.
ދެން ރިޕޯޓްކޮށްފައިވަނީ 2017ގައި ސެރީން ނަމަކަށްކިޔާ 135 މީޓަރުގެ ޔޮޓެއްގައި ވަރުގަދަ ޗުއްޓީއެއް ހޭދަކުރިކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. ހެލިޕެޑާއި ޖަކޫޒީ އާއި ކަނޑުއަޑި ބަލާ ކޮޓަރިއަކާއި ސިނަމާއަކާއި ޖިމެއް އެކުލެވޭ އެ ޔޮޓްގައި ހޭދަކުރި ޗުއްޓީގައިވެސް ގިނަ ހަރަދުތަކެއް ކުރިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް