ޣައްޒާ ވީރާނާވެފައިވާ މަންޒަރުގެ މިންވަރެއް ފެންނަ މަންޒަރެއް - ޕަލަސްޠީނިން ނިއުސް އޭޖެންސީ (ވަފާ)
ވޮޝިންޓަން،
15 ޖަނަވަރީ (ދުވަސް) - ޣައްޒާގެ ސުލްހައިގެ މަގުޗާޓުގެ ދެވަނަ މަރުޙަލާ ފެށުމަށް
ތައްޔާރުވެފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.
އެ މަރުޙަލާއަކީ ހަމާސް އިން ހަތިޔާރާއި ބާރު
ދޫކޮށްލުމުގެ އިތުރުން ޣައްޒާ އާރާސްތު ކުރުމާއި ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް
އެމެރިކާގެ ބެލުމުގެ ދަށުން ޣައްޒާގައި އިދާރީ ބާރެއް އެކުލަވައިލުމުގެ
މަރުޙަލާއެވެ.
ދެވަނަ މަރުޙަލާ ފެށުމަށް މިހާރު
ތައްޔާރުވެފައިވާކަން ހާމަކޮށްފައިވަނީ އެމެރިކާގެ ރައިސް ޑޮނާލްޑް ޓްރަމްޕްގެ
މުސީރު ސްޓީވް ވިޓްކޮފް، އޭނާގެ އެކްސް އެކައުންޓްގައި އިއްޔެ ކުރި
ޕޯސްޓެއްގައެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގެ އިދާރީ
އިންތިޒާމުތައް ބެލެހެއްޓުމަށް އެކުލަވައިލަނީ "ޓެކްނޯކްރެޓިކް ކޮމިޓީ"
އެކެވެ. އެފަދަ ކޮމިޓީއެއް އެކުލަވައިލަން ސުލްހައިގެ މަޝްވަރާތަކުގައި
މެދުވެރިއެއްގެ ރޯލު ކުޅެމުން އަންނަ މިސްރާއި ތުރުކީއާއި ޤަތަރުންވެސް
އެއްބަސްވެއެވެ. "ޓެކްނޯކްރެޓިކް ކޮމިޓީ" އަކީ ފަލަޞްޠީނަށް ނިސްބަތްވާ
ކަމުވޮށިގެންވާ ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.
އެ ކޮމިޓީ ލީޑުކުރަން ހަވާލުކުރަން ނިންމާފައިވަނީ ފަލަޞްޠީނުގައި
މިހާރު ވެރިކަން ކުރަމުން އަންނަ ޕަލަޞްޠީނިއަން އޮތޯރިޓީ (ޕީ.އޭ) ގެ ކުރީގެ ޑެޕިއުޓީ
މިނސްޓަރެއް ކަމުގައިވާ އަލީ ޝާތެވެ.

އަލީ ޝާތަކީ ޣައްޒާގެ ރައްޔިތެކެވެ. އޭނާ ކުރިން ޑެޕިއުޓީ
މިނިސްޓަރުކަމުގެ މަޤާމު އަދާކޮށްފައިވަނީ ފަލަޞްޠީނުގެ ފަތުރުވެރިކަމާއިބެހޭ
ވުޒާރާގައެވެ. އޭނާއަކީ އިންޖިނޭރެކެވެ. އިގުތިޞާދާއި ބިނާކުރުމުގެ ދާއިރާގައި
މާހިރެކެވެ.
ވިޓްކޯފްގެ އެ އިޢުލާނުކުރުމާއި އެއްގޮތަށް
ޣައްޒާގެ އިދާރީ ބާރު އެ ކޮމިޓީއާއި ހަވާލުކުރަން ހަމާސްއިންވެސް ވަނީ އެއްބަސްވާކަން
ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް