ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި އެކެއްގައި ނިއު ނޯމަލްގައި ހުޅުވާލީ މުހިންމު ހުރިހާ ދާއިރާއަކަށް ވަކިން ގައިޑްލައިންތަކެއް ހަދައި އާންމު ކުރުމަށް ފަހު އެވެ.
ގައިޑްލައިންތައް އާންމު ކުރި މުހިންމު ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، ތައުލީމު، ދަތުރުފަތުރު އަދި އޮފީސް މާހައުލާއި ގިނަ މީހުން އެއްވެ އުޅުން ހިމެނެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި ދައިރާތަކަށް ހާއްސަކޮށް ކޯވިޑާއި ގުޅިގެން ގައިޑްލައިން ހަދާފައިވަނީ ގައިޑްލައިނާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރިޔަށް ދާނަމަ ބަލި ފެތުރުމުގެ ފުރުސަތު 99 ޕަސެންޓު ނޯންނާނެ ގޮތަށެވެ.
ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ރޯލު އަދާ ކުރާ ޓޫރިޒަމް ދާއިރާ މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ހުޅުވާލީ އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރަން ޖެހޭ ގޮތަށެވެ. ޓޫރިސްޓުންނަށް ހިދުމަތްދޭ ފެސިލިޓީތަކަށް އޮޕަރޭޝަންސް ފެށުމުގެ ހުއްދަ ދިނީވެސް ގައިޑްލައިނާއި އެއްގޮތަށް އިންތިޒާމްތައް ހަމަޖައްސައި އެކަން ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުން މިނިސްޓްރީން އެތަންތަން އިންސްޕެކްޓު ކުރުމަށް ފަހު އެވެ.
ބޯޑަރު އަލުން ހުޅުވާލުމާއި އެކު ރާއްޖެ އަންނަ ޓޫރިސްޓުންދަނީ އިތުރު ވަމުންނެވެ. އަދި ކޯވިޑް-19 ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ އަކާއި އެކު އަޔަސް ޗުއްޓީއަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިން ހަދާ ޕީސީއާރު ޓެސްޓުން ބައެއް ޓޫރިސްޓުން ޕޮސިޓިވްވެފައިވެ އެވެ. އާންމުކޮށް ކޮންމެ ދުވަހަކުވެސް އޮޕަރޭޓް ކުރާ ރިސޯޓުތަކުގައި 50 އަށްވުރެ ގިނަ އެކްޓިވް ޕޮސިޓިވް ކޭސްތައް ހުރެ އެވެ.
އެކަމަކު މީގެން އެއްވެސް ކޭސްއަކާއި ގުޅިގެން މަދު މުވައްޒަފަކު ނޫނީ ރިސޯޓުތަކުން ކޮންޓެކްޓުންނަށްވެ ނުވަތަ ޕޮސިޓިވްވެފައިއެއް ނުވެ އެވެ. ރައްކާތެރިކަމަށް ހާއްސަކޮށް މުވައްޒަފުންނާއި ޓޫރިސްޓުންނަށް ވަކިން ގައިޑްލައިން ހެދިފައި ވަނިކޮށް މިފަހަކަށް އައިސް ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި ކޯވިޑްގެ ބޮޑެތި ކްލަސްޓާތައް އުފެދެމުންދާއިރު މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކެއް ވާނެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ބޯޑަރު ހުޅުވި ދުވަސްކޮޅު ރިސޯޓުތަކުގައި ވަރަށް ރަނގަަށް ގައިޑްލައިނަށް އަމަލު ކުރަމުން ދިޔަ ކަމަށެވެ. އެކަމަކު މިފަހަކަށް އައިސް މުވައްޒަފުން ގައިޑްލައިނަށް ފައްތައިގެން މަސައްކަތް ނުކުރުވުމުގެ ނަތީޖާ އަކީ ބައެއް ރިސޯޓުތަކުގައި ކޯވިޑްގެ ބޮޑެތި ކްލަސްޓާތައް އުފެދެމުންދާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބައެއް ރިސޯޓުތަކުގައި މުވައްޒަފުން ކަރަންޓީން ކުރުމުގެ ކަންކަން ގައިޑްލައިނާއި އެއްގޮތަށް ނުކުރާއިރު ޓޫރިސްޓުންނާއި މުއާމަލާތްކޮށް ނިންމުމަށް ފަހު މުވައްޒަފުން އުޅޭ ސަރަހައްދަށް ދިއުމާއެކު މާސްކު އެޅުމާއި ގައިދުރުކަން ނުގެންގުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ މިކަންކަމަކީ ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި މިހާރު ވައިރަސް ފެތުރުން އިތުރުވެފައިވާ ސަބަބު ކަމަށާއި ރިސޯޓުތަކުގެ މެނޭޖްމެންޓުންގެ ޒިންމާމިކަމުގައި ވަރަށް ބޮޑު ކަމަށެވެ.
މިހާރު ރިސޯޓުތަކުގައި މާބޮޑު ސަމާލުކަން ނުދޭ ކަންކަމުގެ ތެރޭގައި ސަޕްލައި ދޯނިތަކުން ގެންދާ މުދާ ޑިސްއިންފެކްޓު ކުރުމާއި ކޯވިޑްގެ ކުޑަ އަލާމާތެއް ނަމަވެސް ފެނުމުން މީހުން ޓެސްޓު ނުކުރުން ހިމެނެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ މި މައްސަލަތައް ހައްލު ކުރުމަށް އެޗްއީއޯސީ އާއި ޓެގް ޓީމުން ރިސޯޓުތަކުގެ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި މެނޭޖްމެންޓަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވަން ފަށާފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް މުވައްޒަފުންގެ މެދުގައި ކޯވިޑް ފެތުރު ރިސޯޓުތަކުގެ ތެރޭގައި ބިޔާދޫ އައިލެންޑް ރިސޯޓު، ކަނޑިންމަ ރިސޯޓު، އޮބްލޫ ސިލެކްޓް ރަންގަލި، އަދި ނިޔާމަ ރިސޯޓާއި ސަން ސިޔާމް އޮޅުވެލި ރިސޯޓު ހިމެނެ އެވެ. އަދި އެމްޕަޔާ ކިޔާ ސަފާރީއެއްގައި ކޯވިޑްގެ ކަލަސްޓާއެއް އުފެނެވެ.
މީގެ ތެރެއިން ބައެއް ތަންތަނުގައި 70 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ކަންޑިންމަ ރިސޯޓުން ވަނީ ކޯވިޑް ޖެހިގެން ދިވެހި މުވައްޒަފަކު މަރުވެފައި އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އިއްޔެ އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިވަގުތު ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތަކުގައި 215 ކޯވިޑް އެކްޓިވް ކޭސް އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ ސަފާރީތަކުގައި ތިބި ޕޮސިޓިވް 10 މީހުންނާއި އޮޕަރޭޓް ކުރާ ރިސޯޓުތަކުގައި ތިބި 205 މީހުންނެވެ. ރިސޯޓުތަކުގެ އެކްޓިވް 99 ޕަސެންޓު ކޭސްތަކުގައި ހިމެނެނީ މުވައްޒަފުންނެވެ.
ރާއްޖެއަށް މިހާރު ކޮންމެ ދުވަހަކު 4،000 އަށްވުރެ ގިނަ ޓޫރިސްޓުން އަންނަމުން ދާއިރު އެ ދާއިރާ މިއޮތީ ރަނގަޅު މިސްރާބެއްގައި ރަނގަޅަށް ހިނގައި ގަނެފައި އެވެ. ރައްކާތެރިކަމަށް ހެދިފައިވާ ގައިޑްލައިންތަކާއި ހިލާފުވެެން ގިނަ ރިސޯޓުތަކެއް އަލުން ބަންދު ކުރަން ޖެހުމަކީ އިގްތިސޯދާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަގު ނުކުރެވޭވަރުގެ ގެއްލުމެއް ލިބޭނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް