ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލަށް އެތުލެޓިކް ބިލްބާއޯ ހިނގައްޖެ އެވެ.
އެޓީމުން ފައިނަލަށް ދިޔައީ ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށްގެން ނެވެ.
މެޗު ފަށައިގެން ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު އިރު، މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނިޓްގައި ބިލްބާއޯ އަށް ޖަހައިދިނީ ރައުލް ގާސިއާ އެވެ. މި ލަނޑާއެކު ރެއާލުން ކުޅުން ރަނގަޅު ކުރިނަމަވެސް 38 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ބިލްބާއޯ ގެ ގާސިއާ ވަނީ ލީޑުފުޅާކޮށްފަ އެވެ.
ލަނޑެއް ޖެހުމަށް ރެއާލުން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 73 ވަނަ މިނިޓްގަ. މި ލަނޑު ޖަހައިދިނީ ކަރިމް ބެންޒެމާ އެވެ. އޮފްސައިޑް ކަމަށް ފުރަތަމަ ބެލި ނަމަވެސް ބެންޒެމާގެ މި ގޯލު ފަހުން ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
އެހެންނަމަވެސް ބެންޒެމާ، ފަހުން ޖެހި އިތުރު ގޯލެއް ވަނީ އޮފްސައިޑްވުމުން ބަލައިނުގަންނަން ނިންމާފަ އެވެ.
އާ ފޯމެޓާ އެކު މިދިޔަ އަހަރުގެ ކުރީކޮޅުގައި ސްޕެނިޝް ސުޕަރ ކަޕް ބޭއްވީ ބޮޑު ސްޕޮންސަރ ޝިޕްގެ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ އަރަބިއްޔާގަ އެވެ.
އެ ފަހަރު ރެއާލުން ތަށި އުފުލާލީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. މި ފަހަރު ސުޕަރ ކަޕް އަލުން ސްޕެއިންގައި ބާއްވަން ނިންމީ ކޯވިޑް-19ގެ ސަބަބުން ދަތުރު ފަތުރުކޮށްގެން ކުޅުން މި ވަގުތު ރައްކާތެރިކަމެއްގެ ގޮތުގައި ނުފެންނާތީ އެވެ.
އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބިލްބާއޯ ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. ބާސެލޯނާ ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި ރެއާލް ސޮސިއެޑާޑް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް