އިންސާނާގެ ދުނިޔަވީ ޙަޔާތުގެ ހުރިހާވެސް މަޤްސަދަކީ އާޚިރަތުގެ ބާއްޖަވެރިކަން ޙާސިލު ކުރުން ކަަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކުގެ މައްޗަށް ޚާއްސަކޮށްފައިވާ ޚުތުބާގައި ބުނީ ސުވަރުގެއަކީ މިދުނިޔެމަތީގައި އެއްވެސް މީހަކަށް އެފަދަ ފުރިހަމަކަމެއް ފެނިފައިނުވާ ތަނެއް ކަމަށެވެ. އަދި އެއީ މީހެއްގެ ޚިޔާލަށް ވެސް އަންނާނެ ކަންތައްތަކެއް ނޫން ކަމަށެވެ.
ސުވަރުގޭގައި 8 ދޮރުކޮޅެއް ވާ ކަމަށާއި އެތަނުގައި މަލާއިކަތްބޭކަލުން ސުވަރުގެވަންތަވެރީންނަށް އިސްތިޤުބާލު ކުރައްވާ، މަރުޙަބާ ކިޔުއްވާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފަ އެވެ. އަދި އެދޮރުކޮޅުތަކުން އަމާންކަމާއި ރައްކާތެރިކަމާއެކު، ސުވަރުގެ ވަނުމަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޚުތުބާގައި ބުނީ ކީރިތި ރަސޫލާ (ޞޢޥ) ގެ ޙަދީޘުން ސާބިތުވާ ގޮތުގައި، ހެޔޮ ޢަމަލުކުރާ މީހުން ސުވަރުގެ ވައްދަވާނީ، އެމީހުން ކުރި ޢަމަލުތަކާއި ގުޅޭ ދޮރުކޮޅުތަކުން ކަމަށެވެ.
އެގޮތުން ގިނަގިނައިން ސުންނަތް ނަމާދުކޮށް އުޅުނު މީހަކުނަމަ، ވައްދަވާނީ ނަމާދަށް ޚާއްސަ ދޮރުކޮޅުން ކަމަށާއި ޖިހާދުކޮށް އުޅުނު މީހަކު ނަމަ، ޖިހާދަށް ޚާއްސަ ދޮރުކޮޅުން ކަމަށް ވެސް ޚުތުބަގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް