ކުޑަކުދިންނަށްވެސް، އެކުދިންގެ ޢުމުރުން ހަތްއަހަރުވުމުން އެހެނިހެން ނަމާދުތަކަށްވެސް އެކުދިންނަށް އަމުރު ކުރާފަދައިން ހުކުރު ނަމާދުގެ ޖަމާޢަތައް އަމުރުކޮށް އެކަމަށް ބާރުއަޅާށެވެ.
އެކަމަކީ އެކުދީން ބޮޑުވަމުން އަންނައިރު އެކުދީންގެ ތަރުބިއްޔަތަށް އޭގެ ހެޔޮ އަޘަރުކުރާނެ ކަމެކެވެ. އެހެނީ އެކަމަށް ޞައްޙަ ސުންނަތުގައި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނުގެ އުންމަތަށް އިރުޝާދުދެއްވާފައެވެ. ((مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ)) މާނައީ:”ތިޔަބައިމީހުންގެ ދަރިންނަށް އެކުދިންގެ ޢުމުރުން 7 އަހަރުވުމުން ނަމާދަށް އަމުރުކުރާށެވެ. އަދި އެކުދިންގެ ޢުމުރުން 10 އަހަރުވުމުން ނަމާދު ނުކުރާނަމަ ތަޅައިގެންވިޔަސް އެކަން ކުރުވާށެވެ. އަދި އެކުދިންގެ ތަންމަތިތައް ވަކިކުރާށެވެ.” އެބަހީ: ދެކުދިން އެއް ތަންމައްޗެއްގައި ނުނިންދަވާށެވެ.
ހުކުރު ނަމާދު ވާޖިބުވާ މީހަކަށް، ހުކުރު ދުވަހުގެ ބަންގީގެ އަޑުއިވިއްޖެނަމަ، ބަންގިއަށް އިޖާބަ ދިނުމަކީ ވާޖިބު ވެގެންވާކަމެކެވެ. އެބަހީ ހުކުރު ދުވަހުގެ އެޖަމާޢަތަށް ޙާޟިރުވުމަކީ ވާޖިބެކެވެ. އަދި ޝަރުޢީ ޢުޛުރެއްނެތި ޖަމާޢަތަށް ޙާޟިރު ނުވުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ހުކުރު ނަމާދުގެ ޖަމާޢަތައް ޙާޟިރުނުވުމަށް އޮތް ޢުޛުރުތަކަކީ ހަމަ އާންމުކޮށް ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވުމަށް އޮތް ޢުޛުރުތަކެވެ. އަދި ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުމަށް ޢުޛުރުވެރި ވެއްޖެ މީހަކަށް އޮތީ އެދުވަހުގެ މެންދުރު ނަމާދުކުރުމެވެ.
ހުކުރު ނަމާދު އެމީހެއްގެ މައްޗަށް ވާޖިބުވެފައިވާމީހާ، އެނަމާދު ޝަރުޢީ ޢުޛުރެއްނެތި ދޫކޮށްލުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. ((لَيَنْتَهِيَنَّ أَقْوَامٌ عَنْ وَدْعِهِمُ الْجُمُعَاتِ، أَوْ لَيَخْتِمَنَّ اللهُ عَلَى قُلُوبِهِمْ، ثُمَّ لَيَكُونُنَّ مِنَ الْغَافِلِينَ)) މާނައީ: ”ބަޔަކު މީހުން، ހުކުރު ނަމާދު އެޅުން ހުއްޓާލާ ހުށިކަމެވެ. އެހެން ނުހަދައިފިނަމަ، ﷲ ތަޢާލާ އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާނެއެވެ. ދެން އެބައިމީހުންވާހުށީ ޣާފިލުވީ މީހުންގެ ތެރެއިންނެވެ.” އެހެން ޙަދީޘްފުޅެއްގައިވެއެވެ. ((مَنْ تَرَكَ ثَلاَثَ جُمَعٍ تَهَاوُنًا بِهَا طَبَعَ اللَّهُ عَلَى قَلْبِهِ)) މާނައީ: “ފަރުވާކުޑަކަމާއެކު ތިން ހުކުރު އަޅައިފިމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާގެ ހިތުގައި ސިއްކަޖައްސަވާ ހުއްޓެވެ.”
ހުކުރު ނަމާދު ވާޖިބުވާ މީހަކަށް ނަމާދުގެ ވަޤުތު ވަނުމަށްފަހު (އެބަހީ: ދެވަނަ ބަންގިއަށްފަހު) ޟަރޫރަތެއްގައި މެނުވީ ދަތުރަކު ފުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ ދެވަނަ ބަންގިއަށްފަހު އޭނާގެ މައްޗަށް އެވަނީ ހުކުރު ވާޖިބުވެފައެވެ. އަދި އެވާޖިބަށް ހުރަސްއެޅޭފަދަ ކަމެއްގައި މަޝްޣޫލުވުން ހުއްދަވެގެން ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ﴾ މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”
މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ދިސަލަފިއްޔާ އިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް