ކޯވިޑްގައި މަރުވާ މީހުން ރާއްޖެއަށް ވަޅުލާން ގެނައުމާއި މެދު އިލްމުވެރިންގެ ހިޔާލު ތަފާތު!

ކޯވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން ވަޅުލަން ރާއްޖެ ގެނައުމާއި މެދު މަޝްހޫރު ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކޯވިޑްގައި...

14 Dec 2020 | 18:55

ކޯވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން ވަޅުލަން ރާއްޖެ ގެނައުމާއި މެދު މަޝްހޫރު ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކޯވިޑްގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ ރާއްޖޭގެ އެހީއަށް އެދުނީ އެގައުމުގެ ރައީސް ގޯޔާބަޔަ ރާޖަޕަކްސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އެވެ. އެ ސިޓީ އާއި ގުޅިގެން ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ރައީސް ސޯލިހު މަޝްވަރާ ފައްޓަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިކަމާއި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާ ދީނީ އިލްމުވެރިންގެ ތެރެއިން ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ލަންކާގައި ކޯވިޑްގައި މަރުވާ މުސްލިމުންނާއި މެދު އިހާނެތިގޮތަކަށް ކަންތައް ކުރެވެމުން ދަނިކޮށް އެކަމުން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދިނުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. ޑރ. އިޔާޒު ވިދާޅުވީ މިއީ އިސްލާމީ އަހުވަންތަކަށް ދެމެހެއްޓުމަށްޓަކައި މުހިންމު ކަމެއް ކަމަށާއި އަވައްޓެރިންނަށް ކަމޭ ހިތުމަށް ޖިބްރީލް އަލައިހިއްސަލާމް ތަކުރާރުކޮށް ރަސޫލާ (ސއވ) އަށް ވަސިއްޔަތް ކުރެއްވި ކަމަށެވެ.

https://twitter.com/dr_iyaz/status/1338552117150171136

ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވަނީ ލައްކާގެ އެދުމަށް އެއްބާރުުން ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރައްވާފައި އެވެ. ޝެއިހް އިލްޔާސް ވިދާޅުވީ ލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުން އެންދުމުގެ ބަދަލުގައި ވަޅުލުމަށް އެހީތެރިވުމުމަށް ދިވެހި ސަރުކާރުން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

https://twitter.com/shkilyas/status/1338525654757732353

ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވީ ލަންކާގައި މުސްލިމުން ވަޅުލެވޭނެ ގޮތެއް ނެތުމުން ދީލަތިކަމުގެ އަތެއް ދިއްކޮށްލުމަކީ ބަޔަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާތާން ފެނުމަކީ އުވާކުރާ ކަމެއް ކަމަށެވެ.

https://twitter.com/alizaid1000/status/1338539788593315840

މިކަމާއި ދެކޮޅަށް ވާހަކަދައްކަވާފައިވާ ދީނީ އިލްމުވެރިންންނަށް ތާއިދު ކުރައްވާ ޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ ކޯވިޑްގައި މަރުވާ ލަންކާ މީހުން ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުޢީ މަޞްލަޙަތެއް އޮތްތަން ފެންނަން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ޝަރުޢީ އުޒުރެއް ނެތި މަރުވާ ރަށުން އެހެންތަނަކަށް މައްޔިތާ ބަދަލުކުރުމަކީ އެދެވޭ ކަމަކަށް ނުވާ ކަމަށާއި އެއްގައުމުން އަނެއް ގައުމަށް ގެންދިއުމަށް ހޭދަ ކުރަން ޖެހޭ ވަގުތުގެ ސަބަބުން މައްޔިތާއި ވަޅުލުން އަވަސް ކުރުމަށް ފުށޫ އަރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް