ކޯވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން ވަޅުލާން ރާއްޖެއަށް ގެންނަން ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކޯވިޑްގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ ރާއްޖޭގެ އެހީއަށް އެދުނީ އެގަުއމުގެ ރައީސް ގޯޔާބަޔަ ރާޖަޕަކްސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އެވެ. އެ ސިޓީ އާއި ގުޅިގެން ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ރައީސް ސޯލިހު މަޝްވަރާ ފައްޓަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިކަމާއި ގުޅިގެން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. އެކަމަކު ކޯވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އެމަނިކުފާނަށް ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
https://twitter.com/maumoonagayoom/status/1338491091654377475
ފޮރިން މިނިސްޓްރީން ބުނީ މި މައްސަލައިގަ އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްސަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތް ކުރާނެ ކަމަށެވެ. އަދި ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް ބުންޏެވެ.
ކޯވިޑް-19 ފެތުރެން ފެށުމާއި އެކު ލަންކާއިން މިއަހަރު ކުރީ ކޮޅުވަނީ އެ ގައުމުގައި މި ބަލީގައި މަރުވާ ހުރިހާ އެންމެން އަންދާލާނީ ކަމަށް ބުނެފައި އެވެ. އަދި މިހާތަނަށް މި ބަލީގައި އެ ގައުމުގައި މަރުވި މުސްލިމުންނާއި ކްރިސްޓިއަނުން ވަނީ އަންދާފައި އެވެ.
މިކަމާއި ގުޅިގެން އެ ގައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރަމުންނެވެ.
ލަންކާގައި ހުރިހާ ދީނަކަށް ފުރުސަތު ދިން ނަމަވެސް މައި ސަރުކާރަކީ ބުދިސްޓު ސަރުކާރެކެވެ. އެ ގައުމުގެ އާބާދީގެ 70 ޕަސެންޓު މީހުންނަކީ ބުދިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް