ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަންކަން: މާރިޔާ

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހިރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަންކަން ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެ. އެކަމަނާ މިހެން ވިދާޅުވީ ދެކުނު އޭޝ...

14 Dec 2020 | 14:02

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހިރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަންކަން ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެ.

އެކަމަނާ މިހެން ވިދާޅުވީ ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތައް ހިމެނޭގޮތަށް، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މަޢުލޫމާތާއި ބެސްޓް ޕްރެކްޓިސް ޙިއްސާކުރުމަށް ޚާއްޞަ ވިއުގައެއް ޤާއިމްކުރުމާ ބެހޭގޮތުން، ޔޫ.އެން އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.

މިނިސްޓަރ ވަނީ ސައުތު އޭޝިއަން ރީޖަނަލް ޕްރިވެންޓިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް ނެޓްވަރކް ޤާއިމްކުރުމުގައި ދިން އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އަވަށްޓެރި ޤައުމުތަކަށާއި، ޔޫ.އެން.އޯ.ޑީ.ސީ އަށާއި، މާލީގޮތުން އެހީތެރިވި ޖަރުމަންވިލާތަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިނެޓްވަރކް ޤާއިމްކުރުމުގައި ރާއްޖެއިން އިސްދައުރެއް އަދާކޮށްފައިވާއިރު، މިނެޓްވަރކްގެ އެންމެ ފުރަތަމަ ހޯސްޓް ކަންޓްރީއަށްވުމުގެ މުހިންމު އަދި ބޮޑު ޒިންމާ ރާއްޖެއަށް އަދާކުރެވޭނެކަމަށް އިތުބާރުކޮށް، އެޒިންމާ ޙަވާލުކޮށްފައިވާތީ، މިނިސްޓަރ މާރިޔާވަނީ ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ މި ދަތި އުނދަގޫ ޙާލަތުގައިވެސް، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވަނީ، މި ނުރައްކަލާ ކުރިމަތިލުމުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ޞާލިޙްގެ ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން، އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނާއި ނޭޝަނަލް ޕީ.ސީ.ވީ.އީ އެކްޝަން ޕްލޭނާއި، ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދިވެހިރާއްޖެއަށް ފަތުރުވެރިން އަލުން ޒިޔާރަތްކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ މާރިޔާ ވަނީ، ދިވެހިންނަކީ އަބަދުވެސް ޞުލްޙަޔާއި ޢަމަނަށް ލޯބިކުރާ، ހިތްހެޔޮ ބައެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް