ޕާކިސްތާނުން ސައުދީއަރަބިއްޔާ އަށް ދައްކަންޖެހޭ 2 ބިލިއަން ޑޮލަރު ދެއްކުމަށް އެހީތެރިވެދިނުމުގެ ގޮތުން 1.5 ބިލިއަން ޑޮލަރުގެ ލޯނުގެ އެހީތެރިކަމެއް ދިނުމަށް ޗައިނާއިން އެއްބަސްވެއްޖެ އެވެ.
އިންޑިޔާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ސައުދީއަރަބިއްޔާ އަށް ދައްކަންޖެހޭ 2 ބިލިއަން ޑޮލަރުގެ ތެރެއިން 1 ބިލިއަން ޑޮލަރު ހޯމަ ދުވަހު ދައްކާނެ ކަމަށެވެ. އަދި ބާކީ 1 ބިލިއަން ޑޮލަރު ދައްކާނީ ޖެނުއަރީ މަހުގައި ކަމަށް ވަނީ ބުނެފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޗައިނާއިން މިފަހަރު ލޯނު ދީފައިވަނީ އާންމުކޮށް ލޯނުދޫކުރާ ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ފޮރިން އެކްސްޗޭންޖު އެސް.އޭ.އެފް.އީ އަކުން ނޫނެވެ. ލޯނުދީފައިވަނީ 2011 ވަނަ އަހަރު ހަދާފައިވާ ކަރަންސީ ސްވެޕް އެގްރިމެންޓްގެ ދަށުން އިތުރު 1.5 ބިލިއަން ޑޮލަރު އިތުރުކޮށް އޭގެދަށުންކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއާއެކު ޗައިނާއިން ޕާކިސްތާނަށް ޓްރޭޑް ފެސިލިޓީގެ ދަށުން ދޫކުރާ ލޯނުގެ އަދަދު މިވަނީ 4.5 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
2011 ވަނަ އަހަރު ޗައިނާ އާއި ޕާކިސްތާނާ ދެމެދުވެވުނު ކަރަންސީ ސްވެޕް އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް ޕާކިސްތާނާއި ޕީޕަލްސް ބޭންކް އޮފް ޗައިނާ ޕީ.ބީ.އޯ.ސީން ނެވެ.
މިއެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް، އިންވެސްޓްމަންޓްތައް ފޯރުކޮށްދީ ކުރުމުއްދަތުގެ ލިކިޔުޑިޓީ ފޯރުކޮށްދިނުމަށް ހަދާފައިވާ އެއްބަސްވުމެކެވެ.
މިއެއްބަސްވުން 2014 ވަނަ އަހަރު ވަނީ އަލުން މުރާޖައާކޮށްފަ އެވެ. އެއީ ތިން އަހަރުގެ މުއްދަތަށް 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމަކަށެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ މެއި މަހު އަނެއްކާވެސް މިއެއްބަސްވުމުގެ މުއްދަތުވަނީ އިތުރު ތިން އަހަރަށް އިތުރުކޮށްފަ އެވެ. އެފަހަރު 3 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރި އެވެ.
މިއެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ މެއި މަހު އެވެ. އެހެންނަމަވެސް ޕާކިސްތާނުގެ ސްޓޭޓް ބޭންކުން އަންނަނީ މިއެއްބަސްވުމުގެ މުއްދަތު އިތުރު ތިން އަހަރަށް އިތުރުކުރުމަށް މަސައްކަތްކުރަމުންކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް