ކޯވިޑް-19 ގައި މަރުވާ ސްރީލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި މަޝްވަރާ ކުރަން ފަށައިފި އެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާން ހުށަހެޅީ ރާއްޖެއިންނެވެ. އަދި ރާއްޖޭގައި އެމީހުން ވަޅުލަނީ ވަކި ރަށެއްގައި ކަމަށާއި ވަކި ރަށްތަކަކަށް ރާއްޖެ ބެހިފައި އޮތުމުން، މީހުން ވަޅުލުމުގެ މައްސަލަ ކުރިމަތި ނުވާނެތީ ކަމަށް ލަންކާގެ ޕަބްލިކް ހެލްތު ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ހެމަންތާ ހެރަތާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޯވިޑްގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގައި އެހީތެރިކަމަށް އެދުނީ ލަންކާ ސަރުކާރުން ކަމަށެވެ.
އެކަމަށް އެެދުނީ ލަންކާގެ ރައީސް ގޯތާބަޔަ ރާޖްޕަކްސާ ރައީސް އިބްރާހިމް މުހައްމަދަށް ފޮނުއްވި ސިޓީއެއްގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކޯވިޑްގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެ ސިޓިގައި ބުނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މައްސަލައިގަ އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްސަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތް ކުރާނެ ކަމަށެވެ. އަދި ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް ބުންޏެވެ.
ކޯވިޑް-19 ފެތުރެން ފެށުމާއި އެކު ލަންކާއިން މިއަހަރު ކުރީ ކޮޅުވަނީ އެ ގައުމުގައި މި ބަލީގައި މަރުވާ ހުރިހާ އެންމެން އަންދާލާނީ ކަމަށް ބުނެފައި އެވެ. އަދި މިހާތަނަށް މި ބަލީގައި އެ ގައުމުގައި މަރުވި މުސްލިމުންނާއި ކްރިސްޓިއަނުން ވަނީ އަންދާފައި އެވެ.
މިކަމާއި ގުޅިގެން އެ ގައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރަމުންނެވެ.
ލަންކާގައި ހުރިހާ ދީނަކަށް ފުރުސަތު ދިން ނަމަވެސް މައި ސަރުކާރަކީ ބުދިސްޓު ސަރުކާރެކެވެ. އެ ގައުމުގެ އާބާދީގެ 70 ޕަސެންޓު މީހުންނަކީ ބުދިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް