ލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލަނީ!

އަވައްޓެރި ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލަން ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާގައި ރި...

14 Dec 2020 | 09:17

އަވައްޓެރި ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލަން ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާން ހުށަހެޅީ ރާއްޖެއިންނެވެ. ލަންކާގެ ޕަބްލިކް ހެލްތު ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ހެމަންތާ ހެރަތު އާއި ހަވާލާ ދީ އެ ނޫހުގައި ބުނީ، ލަންކާގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖޭން އިސްނަގައި، އެކަމާ ގުޅޭ ހާއްސަ ގައިޑްލައިނެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިކަމަށް އެ ނޫހުގައި ބުނީ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ދިވެހި ސަރުކާރުން ބޭނުންވީ، ވަކި ރަށްތަކަކަށް ރާއްޖެ ބެހިފައި އޮތުމުން، މީހުން ވަޅުލުމުގެ މައްސަލަ ކުރިމަތި ނުވާނެތީ ކަމަށެވެ. އަދި ލަންކާގެ މީހުން ވަޅުލާނީ ވަކި ރަށެއްގައި ކަމަށް ވެސް ލަންކާގެ އޮފިޝަލް ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.

އޭނާ ވިދާޅުވީ މިއީ ކުރެވިދާނެކަމެއް ކަން އަދި ބުނަން ނޭނގޭ ކަމަށާއި އެކަން ޔަގީންވާނީ، އެކަމާ ގުޅޭގޮތުން ރާއްޖޭން ތައްޔާރުކުރާ ގައިޑްލައިނަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެ ނޫހުގައި މި ގޮތަށް ރިޕޯޓުކޮށްފައި ވީނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެ ގައުމުގައި ކޯވިޑް ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަށް ހުށަހެޅީ ލަންކާއިންނެވެ. މިކަމާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޯވިޑް-19 ފެތުރެން ފެށުމާއި އެކު ލަންކާއިން މިއަހަރު ކުރީ ކޮޅުވަނީ އެ ގައުމުގައި މި ބަލީގައި މަރުވާ ހުރިހާ އެންމެން އަންދާލާނީ ކަމަށް ބުނެފައި އެވެ. އަދި މިހާތަނަށް މި ބަލީގައި އެ ގައުމުގައި މަރުވި މުސްލިމުންނާއި ކްރިސްޓިއަނުން ވަނީ އަންދާފައި އެވެ.

މިކަމާއި ގުޅިގެން އެ ގައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރަމުންނެވެ.

ލަންކާގައި ހުރިހާ ދީނަކަށް ފުރުސަތު ދިން ނަމަވެސް މައި ސަރުކާރަކީ ބުދިސްޓު ސަރުކާރެކެވެ. އެ ގައުމުގެ އާބާދީގެ 70 ޕަސެންޓު މީހުންނަކީ ބުދިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް