ހުޅުމާލޭގައި އަލަށް ހުޅުވި ޓީޓީ ހޯލްގައި ޓީޓީ ކިޑްސް ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ.
މި އިވެންޓުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ބައިވެރިވެވަޑައިގެން، ކުދިންނާ މުޚާތަބުކުރައްވާ ވަނީ ނަފްސުގެ މައްޗަށް އިތުބާރު ކުރުމަށާއި ހަމަޖައްސައިދެވޭ ފެސިލިޓީސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިވަޑައިގެންފަ އެވެ. އަދި ގައުމަށް ރީތި ނަން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހުރިހާ ކުދިންނަށް ވެސް ހީނާ ވަނީ ހިތްވަރުދެއްވާފަ އެވެ.
މި ހަރަކާތާ ބެހޭގޮތުން ޓީޓީ އެސޯސިއޭޝަނުން ބުނީ މި ހަރަކާތުގެ ތެރޭގައި ބައެއް ފިޒިކަލް އައުޓްޑޯ އެކްޓިވިޓީސް ވެސް ކުރިއަށް ގެންދިޔަ ކަމަށާއި މި ހުރިހާ ހަރަކާތެއްގައި ވެސް ކުދިން ވަރަށް ބޮޑަށް ޝައުގުވެރިވިކަން ފާހަގަކުރެވުނު ކަމަށެވެ.
މި އިވެންޓުގައި ވާހަކަދައްކަމުން ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވަނީ އިވެންޓް ކުރިއަށް ގެންދިއުމަށް އިސްނެގީތީވެ، ސީނިއަރ ކުޅުންތެރިންނަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިވެންޓްތައް ރޭވުމަށް ޝިއުރީ ވަނީ ހިތްވަރުދެއްވާފަ އެވެ.
މީގެ އިތުރުން އިވެންޓް ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ފާހަގަކުރައްވާ އެފަރާތްތަކަށް ވެސް ޝިއުރީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ އަބަދުވެސް މަސައްކަތް ކުރާނީ ހަގު ކުޅުންތެރިންނަށް ހިތްވަރުދީ، ޓީޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންގެ އެއްބާރުލުމާއި އެހީތެރިކަން ހޯދައިގެން މިކުޅިވަރު ތަރައްގީ ކުރުމަށް ކަމަށެވެ.
މި ހަރަކާތާ ގުޅިގެން ޓީސީ އެސޯސިއޭޝަނުން ބުނީ ވައިޑީޕީ އަދި ޖޫނިއަރ އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ކުދިން މި އިވެންޓުގައި ބައިވެރިވި ކަމަށެވެ.
މި އިވެންޓުގެ އެންމެ ބޮޑު މަގްސަދަކީ އާންމުކޮށް އޮންނަ ފަރިތަކުރުންތަކުގެ އިތުރުން ހަގު އުމުރުފުރައިގެ ކުޅުންތެރިންނަށް ތަފާތު ގޮތަކަށް އެކިއެކި އޮބްސްޓަކަލް ގޭމްތަކާއެކު ޓީޓީގެ ހުނަރު އިތުރުކުރުމަށް ސީނިއަރ ކުޅުންތެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝް އޮފް މޯލްޑިވްސް އިންތިޒާމުކޮށްގެން އިއްޔެ ކުރިއަށް ގެންދިޔަ މި ކޭމްޕު ކުރިއަށްގެންދިޔައީ ސީނިއަރ ކުޅުންތެރިން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް