މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހިންގުމުގެ ހުއްދަ މިއަދުން ފެށިގެން ދޭން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ގެސްޓު ހައުސް ހުޅުވުމުގެ ހުއްދަ ދޭނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޒާމްތައް ހަމަޖައްސައި އެކަން ޓޫރިޒަމް މިނިސްޓްރީއަށް އެކަން އެންގުމުން އެތަނެއް ބެލުމަށް ފަހު ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ގައިޑްލައިނާ އެއްގޮތަށް އިންތިޒާމްތައް ހަމަޖައްސައި ހުއްދައަށް އެދުނު ގެސްޓު ހައުސްތަކުގެ ތެރެއިން 15 ގެސްޓު ހައުސްއެއް މިއަދު ހުޅުވާނެ ކަމަށެވެ. އަދި އިތުރު 20 ގެސްޓު ހައުސް ހުޅުވުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.
އެޗްއީއޯސީން ބުނީ މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އަތޮޅު ތެރޭގެ ގެސްޓް ހައުސްތަކުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ ޓޫރިސްޓުން ހުށަހަޅަން ޖެހުމާއި ރާއްޖެއިން ފުރުގެ 48 ގަޑިއިރު ކުރިން ކޯވިޑަށް ޓެސްޓު ކުރުން ހިމެނެ އެވެ.
ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ވެސް ޓޫރިސްޓެއްގެ ކިބައިން ކޯވިޑް-19 އަލާމާތެއް ފެނިއްޖެނަމަ އެމީހަކު އެކަހެރި ކުރެވޭނެ ކޮޓަރިއެއް ހުންނަން ޖެހޭނެ ކަމަށް ގައިޑްލައިން ބުނެއެވެ. ފަތުރުވެރިޔާ ކޯވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ އެތަނުގައެވެ.
މާލޭ ސަރަހައްދަކީ ކޯވިޑް-19 ފެތުރުމުގެ ބިރު ބޮޑު ސަރަހައްދަކަށް ވާތީ ނުރައްކާތެރިކަން ކޫޑަ ކުރުމަށް މުވައްޒަފުން ކޯވިޑަށް ޓެސްޓު ކުރަން ޖެހޭ ގޮތް އަތޮޅު ތެރޭގެ ގެސްޓު ހައުސްތަކާއި ތަފާތު ވާނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ހިންގާ ގެސްޓު ހައުސްތަކުގެ މުވައްޒަފުން މަހަކު އެއް ފަހަރު ކޯވިޑް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެ އެވެ.
ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ޓްރާންސިޓް ގެސްޓު ހައުސްގެ ގޮތުގައި80 ގެސްޓު ހައުސްއެއް މާލެ ސަރަހައްދުގައި ދިޔައީ ހުޅުވައި ހިދުމަތް ދެމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ތަންތަނުން އަޅަން ޖެހޭ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ކުރިޔަށް އޮތް ހަފްތާއެއް ތެރޭގައި އާންމުކޮށް ޓޫރިސްޓުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި 2،500 އެއްހާ ޓޫރިސްޓު އެނދު އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 1،500 އެއްހާ އެނދާއި ހުޅުމާލޭގައި 1،000 އެނދު އަދި ވިލިމާލޭގައި 100 އެއްހާ އެނދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް