ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އަދިވެސް އެޗްޕީއޭގެ ހުއްދަ ނުލިބޭ: ޝަރީފު

އަންނަ އަހަރު މާޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އަދިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބިފައިނުވާ ކަމަށް އިލެކްޝަން ކޮމ...

13 Dec 2020 | 19:59

އަންނަ އަހަރު މާޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އަދިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަޙްްމަދު ޝަރީފް އާއި ޙަވާލާދީ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުގެ ހުއްދަ އެޗްޕީއޭއިން އަދިވެސް ދީފައިނުވާކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުގެ ހުއްދަ ވެސް އެޗްޕީއޭއިން ދީފައި ނުވާކަމަށް ޝަރީފު ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް އަންނަ ހަފްތާގައި ހުއްދަ ލިބޭނެކަމަށް އުންމީދުކުރާކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ. އަދި ހުއްދަ ލިބުމާއެކު ވޯޓަށް ތައްޔާރުވާން ފަށާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު ފަސްކުރިއެވެ. އެ ގާނޫނުގެ ދަށުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހެއެވެ.

ޝަރީފު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި މި އިންތިޚާބު އަންނަ އަހަރުގެ މާރޗްމަހު 6 ވަނަ ދުވަހު ބޭއްވުމަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އަންނަ ޖެނުއަރީ ފަހެއްގެ ކުރިން އެޗްޕީއޭގެ ހުއްދަ ލިބުނަސް އިންތިހާބު ބޭއްވޭނެ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުން ފަސް ކޮށްފައިވާއިރު، މިހާތަނަށް މި ދެ އިންތިޚާބަށް ކުރިމަތިލީ 99 ފަރާތަކުންވަނީ މިއިންތިޚާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް