ސްޓެލްކޯއިން ހެދި ގްރީން ލައިފް ބަސް ސްޓޮޕް ހުޅުވައިފި

އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭގޮތަށް ސްޓެލްކޯއިން ހެދި ގްރީންލައިފް ބަސް ސޮޓްޕް މިއަދު ހުޅުވައިފި އެވެ. ރަސްމީކޮށް މި ބަސް ސްޓޮޕް ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ސް...

14 Nov 2020 | 16:02

އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭގޮތަށް ސްޓެލްކޯއިން ހެދި ގްރީންލައިފް ބަސް ސޮޓްޕް މިއަދު ހުޅުވައިފި އެވެ.

ރަސްމީކޮށް މި ބަސް ސްޓޮޕް ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސްޓްލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ތައްޔާރުކުރި ބަސްސްޓޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މި ބަސް ސްޓޮޕަކީ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ޒަމާނީ ފެންވަރުގައި ތައްޔާރުކޮށް ދީފައިވާ ފުރިހަމަ، ވަރަށް އަގުހުރި ހަދިޔާއެއްކަމަށެވެ. ސްޓެލްކޯއަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާލުވީ މި ބަސްސްޓޮޕާއެކު، ބަސް ޓްރެކިން ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

"ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭން. އެއް ފުރާޅެއްގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު ފޯރުކޮށްދެމުން މިގެންދަނީ މިދެންނެވި އަސާސްގެ މަތީގައި، ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒަކި އެއީ ކަމުގައި ދެކިގެން. މީގެ އިތުރުން، ގައުމީ ކޮންމެ މަސައްކަތަކީ ސްޓެލްކޯގެ ބަދަހި ސަފުތައް އެކަމަށްޓަކައި ރުކުވާލެވިފައިވާ މަސައްކަތްތަކެއް. އެކަން ސްޓެލްކޯގެ މުވައްޒަފުން މިގެންދަނީ ސާބިތުކޮށްދެމުން." މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ތައްޔާރުކޮށްފައިވާ މި ބަސްސްޓޮޕަކީ އޭސީ ކުރެވި، ބޯފެން ލިބޭނެ އިންތިޒާމްތަކާއެކު، އަތްވާއި، ވާރެއިން ދަތުރުވެރިން ހިޔާކޮށްދޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ބަސްސްޓޮޕެކެވެ. މި ބަސް ސްޓޮޕްގައި ތިބޭ ދަތުރުވެރިންނަށް ބަސް ދަތުރުކުރާ ރޫޓް އެނގުމާއި، ބަސް ކައިރިކުރާ ވަގުތު ކައިރިވެއްޖެކަންއެނގޭނެ އިންތިޒާމާއި، ފޯނު ޗާޖުކުރުމަށް ޔޫއެސްބީ ޗާޖިން ޕޮޓާއި، ކަރަންޓު ނެގޭނެ ޕޮޓްތައްވެސް ބައެތަނުގައި ގާއިމް ކުރެވިފަ އެވެ.

ބަސް ސްޓޮޕަށް ބޭނުންވާ 100 ޕަސެންޓު ކަރަންޓު އުފައްދަނީ ބަސް ސްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުންނެވެ. މިއީ ރާއްޖޭގައި މިގޮތަށް 100 އިންސައްތަ އިޔާދަ ކުރަނިވި ހަކަތަޔަށް ބަރޯސާ ވާގޮތަށް ގާއިމް ކުރެވުނު އެންމެ ފުރަތަމަ ބަސްސްޓޮޕެވެ.

ބަސްސްޓޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސްގެ އިތުރުން، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސްޓެލްކޯގެ ބޯޑު މެމްބަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް