މިއަދަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް – ޝިއާރަކީ "ހަކުރުބައްޔަށް ތަފާތުދެއްކުމުގައި ނަރުހުން"

ކޮންމެ އަހަރެއްގެވެސް 14 ނޮވެންބަރަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން އިންޓަރނޭޝަނަލް ޑައިބ...

14 Nov 2020 | 07:23

ކޮންމެ އަހަރެއްގެވެސް 14 ނޮވެންބަރަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

އެގޮތުން އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަންއިން (އައި.ޑީ.އެފް) އިން އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ " ހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން" “Diabetes: Nurses make the deference”  އެވެ.  މި ޝިޢާރަކީ 2020 އަދި 2021 ގައިވެސް ބޭނުންކުރުމަށް އާއްމު ކޮށްފައިވާ ޝިޢާރެވެ.  މި ޝިޢާރުގެ މަޤުޞަދަކީ ހަކުރުބަލި ޖެހިފައިވާ މީހުންނާއި އާއިލާތަކައް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ނަރުހުން އަދާކުރާ އިސް ދައުރު ފާހަގަކުރުމެވެ.

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަން ޖެހިފައިވާ ޞިއްޙީ މައްސަލައެކެވެ. ހަކުރުބަލިހުރިކަމަށް  ބެލެވެނީ މީހެއްގެ ލޭގައި ހަކުރުހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ.ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ، އެއީ " ޓައިޕް 1 ޑައިބެޓީސް އަދި ޓައިޕް 2 ޑައިބެޓީސް އެވެ. ޓައިޕް 1 ޑައިބެޓީސް  އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ  ހަށިގަނޑުގައި އިންސިއުލިން އުފެއްދިނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ  އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ. މީގެ އިތުރުން ވެސް އައިލާގައި ހަކުރުބަލީގެ މީހުންތިބުމާއި،ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހިވެއެވެ. އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަން ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަޙައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ.2019 ވަނަ އަހަރުގައި 4.2 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ.  ދިވެހި ރާއްޖޭގެ ޑިމަގުރަފިކް ހެލްތް ސާވޭ 2016-2017 އިން ދެއްކި ގޮތުގައި %4 އަންހެނުން އަދި %2 ފިރިހެނުން ވަނީ ހަކުރުބަލި ޖެހިފައިވާކަމަށް ރިޕޯޓް ކޮއްފައެވެ. މީގެ ތެރެއިން %50 އަންހެނުން އަދި %40 ފިރިހެނުން ވަނީ ހަކުރުބައްޔަށް ބޭސްފަރުވާކުރާކަމަށް ރިޕޯޓްކޮށްފައެވެ. 2018ވަނަ އަހަރުގައި ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓް އިން ދައްކާ ގޮތުގައި ރާއްޖޭގައި %3.7 މަރު ވަނީ ހަކުރުބަލީގެ ސަބަބުންނެވެ. ހަކުރުބަލީގެ ބައެއް އަލާމާތް ތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމު ދާންޖެހުން، ކަރުހިއްކާ ފެންބޮވުން، އަދަޔާޚިލާފަށް ބަޑުހައިވުން، ބަރުދަނަށް ބަދަލު އައުން އަދި ވަރުބަލިވުން ހިމެނެވެ.

އެހެންކަމުން ކަސްރަތު ކުރުމާއި ޞިއްޙަތަށް ފައިދާ ހުރި ރަނގަޅުކާނާ ކެއުމާއި ދުޅަހެޔޮ މާޙައުލެއް ގާއިމު ކުރުމަކީ ހަކުރުބަލީން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅު ތަކެކެވެ. މިކަން ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިޔަށް ގެންނަ ޖެހޭ ބަދަލުތަކެއް ކަމުން  ހަކުރުބަލީގެ ހިރާސްތަށް ކުޑަކުރުމަށް ޢާއިލާތަކަށް އެޙީތެރިވެ ދިނުމުގައި ނަރުހުން އަދި ސިއްޙީއެހީތެރިން  މުހިއްމު ދައުރެއް އަދާކުރެއެވެ.

މިއަހަރު މިދުވަސް ފާހަގަކުރުމުގެ ގޮތުން މި އެޖެންސީ އިން އެކިދުވަސް ތަކަށް ބަހާލެވިގެން ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމު ތަކުގައި ތަޖުރިބާކާކުން ހަކުރުބައްޔާބެހޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަގެހިފައެވެ.އަދި 14 ނޮވެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެރޭ ހަކުރުބައްޔަށް އަހުލުވެރި ކުރުމުގެ ގޮތުން ވަނީ އައިޖީއެމްއެޗް އާއި، ޑައިބެޓިސް ސޮސައިޓީ އަދި އެޗްޕީއޭ ގުޅިގެން ވެބިނާ އެއް ބޭއްވުމަށް ހަމަޖެހިފައެވެ. މި ވެބިނާގައި މައުލޫމާތު ދެއްވާނެ ބޭފުޅުންގެ ތެރޭގައި ޑައިޓިޝިއެން، ނިއުޓިރިޝަނިސްޓުން، ފިޒީޝިއަނުން، ޕަބްލިކް ހެލްތް އެކްސްޕާޓުން ހިމެނޭނެއެވެ.މި ވެބިނާގައި ސުވާލުކުރުމުގެ ފުރުސަތު ވާނީ އާންމުންނަށް ހުޅުވާލެވިފައެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮފީސް މާޙައުލުގައި " މޫވް ފޯ ޑައިބެޓިސް" ގެ ނަމުގައި ކަސްރަތު ކުރުމުގެ ޙަރާކާތްތަކެއް  ދުވަސް ފެށުމުގެ ކުރިން ކުރުން އެދެވިގެންވެއެވެ. އަދި އޮފީސްތަކުން ހަރަކާތްތަކުގައި ނަންގަވާ ފޮޓޯ އެޗް.ޕީ.އޭ އަދި ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ޓެގްކޮށް ސޯޝަލް މީޑިއާގައި "#movefordiabetes, #WWD2020, #unitedfordiabetes" ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރެވޭނެއެވެ. ކޮންމެ ބޭފުޅަކަށްވެސް މި ހަރަކާތުގައި ބައިވެރިވެވިދާނެއެވެ. ކުރެވިދާނެ ބައެއް ހަރަކާތްތަކުގެ ތެރޭގައި ދުވުން،ހިނގުން،ޔޯގާ،ފެތުން އަދި ކުޅިވަރުގެ އެކިއެކި ހަރަކާތްތައްވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް