2022 ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ގޮތުން ދެކުނު އެމެރިކާ ސަރަހައްދުގައި މިހާރު ކުޅެމުން އަންނަ ކޮލިފައި މެޗުތަކުގެ ތެރެއިން މިއަދު ފަތިހު ބްރެޒިލް އާއި ވެނެޒުއޭލާ ވާދަކުރި މެޗު ބްރެޒިލް ކާމިޔާބުކޮށްފިއެވެ.
ބްރެޒިލްގެ ސައު ޕޯލޯގައި ކުޅުނު މި މެޗު އެ ގައުމުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ.
އަނިޔާގެ ސަބަބުން ނޭމާ އާއި ނުލާ ބްރެޒިލް މިއަދު ފަތިހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، މި މެޗުގައި ބްރެޒިލުން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 68 ވަނަ މިނެޓްގައި ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ.
މިއަދުގެ މި މޮޅާއި އެކު ބްރެޒިލް ގްރޫޕުގެ އެއްވަނައަށް ޖެހިލިއިރު، އެޓޯމުން ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. ބްރެޒިލްގެ ފަހަތުން ޓޭބަލްގެ ދެވަނައިގައި ހަތް ޕޮއިންޓާއެކު އާޖެންޓީނާ އޮތްއިރު ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެކުއެޑޯ އެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ދެން ބްރެޒިލް ވާދަކުރާނީ އުރުގުއޭ އާ އެވެ. އުރުގުއޭ ގައި ކުޅޭ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.
މީގެ އިތުރުން ރޭ ވަނީ އިތުރު ދެމެޗެއްވެސް ކުޅެފައެވެ. އެއީ އުރުގުއޭ އަދި ކޮލަމްބިއާ ބައްދަލުކުރި މެޗާއި ޗިލީ އަދި ޕެރޫ ބައްދަލުކުރި މެޗެވެ. އުރުގުއޭ ކޮލަމްބިއާގެ މައްޗަށް 0-3 ގެ ނަތީޖާއިން ކާމިޔާބު ހޯދިއިރު، ޗިލީ ވަނީ ޕެރޫގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް