ޖިޓަލް ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އެމްއެންޔޫއިން އޯއެލްސީގެ މެންބަރަކަށް ވެއްޖެ

ޑިޖިޓަލް ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުޞަދުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އޮންލައިން ލާނިން ކޮންސޯޓިއަމް (އޯއެލްސީ) ގެ އިންސްޓިޓިއުޝަނަލް މެންބަރެއްގެ ގޮތުގައި ބައި...

14 Oct 2026 | 05:49
އެމްއެންޔޫގެ އިސްވެރިން -- ދުވަސް ފޮޓޯ

އެމްއެންޔޫގެ އިސްވެރިން -- ދުވަސް ފޮޓޯ

ޑިޖިޓަލް ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުޞަދުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އޮންލައިން ލާނިން ކޮންސޯޓިއަމް (އޯއެލްސީ) ގެ އިންސްޓިޓިއުޝަނަލް މެންބަރެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ.

އެމްއެންޔޫއިން ނެރުނު ބަޔާނެއްގައި ބުނީ މި މެންބަރުޝިޕާ އެކު ޔުނިވަރސިޓީގެ މުވައްޒަފުންނަށް އޯއެލްސީން ހިންގާ ތަފާތު ވޯކްޝޮޕްތަކާއި ސެޓިފިކެޓް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ފުރުޞަތުތައް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ޑިޖިޓަލް ކިޔަވައިދިނުމުގެ ދާއިރާގައި ބައިނަލްއަޤުވާމީ ފެންވަރުގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކޮށް، ޒަމާނީ އުސޫލުތައް ދެނެގަތުމުގެ މަގު މި މެންބަރުޝިޕް މެދުވެރިކޮށް ހުޅުވިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޯއެލްސީން ވަނީ ޔުނިވަރސިޓީއަށް މެންބަރުޝިޕާ ބެހޭ ތަފްސީލީ މަޢުލޫމާތު ފޯރުކޮށްދީ، ވަކިވަކި އެކައުންޓް ހެދުމާއި ލިބެން ހުރި ވޯކްޝޮޕްތަކާއި ހަރަކާތްތަކަށް ވާސިލުވާނެ ގޮތް އޮޅުންފިލުވައިދީފައެވެ. އެ ފުރުޞަތުތައް ޔުނިވަރސިޓީގެ ކަމާ ގުޅޭ މުވައްޒަފުންނާ ހިއްސާކޮށް، ބައިވެރިވުމަށް ހިތްވަރު ދެމުންދާނެ ކަމަށް އެމްއެންޔޫން ހާމަކޮށްފައިވެއެވެ.

ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ހެޔޮ ގޮތުގައި ބޭނުންކުރުމާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމާއި ބައިނަލްއަޤުވާމީ ފެންވަރުގެ އީޖާދީ ގޮތްތައް ތަޢާރަފްކުރުމަށް މި މެންބަރުޝިޕުން ބާރު ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް