ރައްޔިތުން ނުރުހިދާނެތީ ހޫތީންނަށް ހަމަލާދޭން އިޒްރޭލު ބައިވެރި ކުރަން ސައުދީން ދެކޮޅު ހަދައިފި

ޔަމަނުގައި އީރާނުގެ ތާއީދު ލިބޭ ހޫޘީންނާ ދެކޮޅަށް ސަޢޫދީން ހިންގާ ޢަސްކަރީ ޙަރަކާތުގައި ބައިވެރިވާން އިސްތިޢުމާރީ އިޒްރޭލުން ހުށަހެޅި ހުށަހެޅުމަށް ސަޢޫދީ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ދެކޮޅު ހަ...

14 Oct 2026 | 05:29
ސަޢޫދީ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން އާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ --

ސަޢޫދީ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން އާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ --

ޔަމަނުގައި އީރާނުގެ ތާއީދު ލިބޭ ހޫޘީންނާ ދެކޮޅަށް ސަޢޫދީން ހިންގާ ޢަސްކަރީ ޙަރަކާތުގައި ބައިވެރިވާން އިސްތިޢުމާރީ އިޒްރޭލުން ހުށަހެޅި ހުށަހެޅުމަށް ސަޢޫދީ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ދެކޮޅު ހައްދަވައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލުން ހަނގުރާމައިގަ ބައިވެރިވުމަށް ހުށަހެޅީ އެމެރިކާ މެދުވެރިކޮށެވެ.

ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ އިޒްރޭލުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހުށަހެޅުމަށް ވަލީ ޢަހުދު ދެކޮޅު ހެދީ، އިޒްރޭލާ އެކު ޢަސްކަރީ ގޮތުން ގުޅިގެން މަސައްކަތް ކުރާ ކަން ހާމަވެއްޖެ ނަމަ ސަޢޫދީ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުން އުފެދިދާނެ ކަމުގެ ބިރަށެވެ. މި މައްސަލައާ ބެހޭ އިތުރު މަސްދަރަކުން އެ ނޫހަށް ބުނީ، އެމެރިކާގެ ގާތް ބައިވެރީންގެ ގޮތުގައި އޮތް ދެ ޤައުމުގެ ޢަސްކަރީ ގުޅުން ބަދަހިކުރެވިއްޖެ ނަމަ، ކުރިމަގުގައި ގުޅުން ރަސްމީކުރުމުގެ އެއްބަސްވުމަކަށް މަގުފަހިވާނެ ކަމަށް އިޒްރޭލުން އުންމީދުކުރި ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާ އާއި އިސްތިޢުމާރީ އިޒްރޭލާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ޤާއިމުކޮށްފައި ނުވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހަކަށް އައިސް ތަކުރާރުކޮށް ސަޢޫދީއަށް އެބްރަހަމް އެކޯޑްސްގައި ސޮއިކުރުމަށް ބާރު އެޅި ނަމަވެސް، ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ހޯދައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަކީ ގުޅުން ބަދަހިކުރުމުގެ ޝަރުތެއް ކަމަށް ސައުދީން ދަނީ ބުނަމުންނެވެ.

ނަމަވެސް ނަތަންޔާހޫ ވަނީ އޭނާގެ އިންތިޚާބީ ކެމްޕެއިން ބަޔާންތަކުގައި ފަލަސްޠީނު ދައުލަތެއް ވުޖޫދު ކުރިޔަ ނުދޭނެ ކަމަށް ވަޢުދުވެފައެވެ.

މި ހުށަހެޅުން ބޭރުކޮށްލި ކަމާ ގުޅޭ ގޮތުން ސަޢޫދީ ސަރުކާރުން ރަސްމީ ބަހެއް ނުބުނެއެވެ. މި ހުށަހެޅުން ކުރީ ހޫޘީން ދެމުން ގެންދާ ތަކުރާރު ހަމަލާތަކުގެ ސަބަބުން ސަޢޫދީގެ ވައިގެ ދަތުރުފަތުރުގެ ޞިނާޢަތަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ. ރިޔާޛް ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ހޮނިހިރު ދުވަހާ ހަމައަށް ބަންދުކޮށް، އެއާލައިންތަކުން ދަތުރުތައް ކެންސަލްކޮށްފައިވެއެވެ.

ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ސަޢޫދީ ބޮޑުވަޒީރުގެ މަގާމުވެސް ފުރާތީ، އޭނާގެ ރުހުމާ ނުލައި ޔަމަނު ހަނގުރާމައިގައި ބައިވެރިވުމުގެ ހުއްދައެއް ނަތަންޔާހޫގެ ސަރުކާރަށް ލިބުމުގެ ފުރުޞަތު ކުޑައެވެ.

އެ ހަނގުރާމައިގަ ބައިވެރިވުމުގެ ޝައުގުވެރިން އިޒްރޭލުން ފާޅުކުރި އިރު އެމެރިކާއިންވެސް ވަނީ ވަރަށް އަވަހަށް ސައުދީއަށް އެހީވުމުގެ ގޮތުން ހަނގުރާމައިގަ ބައިވެރިވުމާއި މެދު ގޮތެއް ނިންމާނެކަން ހާމަކޮށްފައި އެވެ. އެކަމާއި ގުޅިގެން ހޫތީން ވަނީ އެމެރިކާއިން އެ ހަނގުރާމައިގަ ބައިވެރިވެއްޖެ ނަމަ ވޭންދެނިވި ރައްދެއްދޭނެ ކަމުގެ އިންޒާރު ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް