ޖަމިއްޔާތަކުގެ އޮފީސްތަކުގައި ހުރި ފަރުނީޗަރާއި ލިޔެކިޔުންތައް އިޒްރޭލު ސިފައިން ގެންދަނީ --
އިސްތިއުމާރީ އިޒްރޭލުގެ ސިފައިން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲގައި ދެ ޖަމިއްޔާއެއްގެ އޮފީހާއި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ގޯތި ތެރެއަށް ވަދެ ޢުދުވާނީ ޙަރަކާތްތަކެއް ހިންގައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ރެއިޑްގައި އިޒްރޭލު ސިފައިން ބަލައި ފާސްކޮށްފައިވަނީ ފަލަސްޠީނު އަންހެނުންގެ ކޮމިޓީތަކުގެ އިއްތިޙާދާއި، ފަލަސްޠީނުގެ ޤައިދީންނަށް ޤާނޫނީ އެހީ ފޯރުކޮށްދީ އެ ފަރާތްތަކުގެ ޙައްޤުތަކަށް ވަކާލާތުކުރާ އައްދަމީރު ޖަމިއްޔާގެ އޮފީހެވެ. އޭގެ އިތުރުން، ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ސަރުކާރު ސިއްޙީ މަރުކަޒު ކަމުގައިވާ ޕެލެސްޓައިން މެޑިކަލް ކޮމްޕްލެކްސްގެ ދޮރުތައް ކައިރީ ސްނައިޕަރުން ވެސް ރުކުރުވާލާފައިވާ ކަމަށްވެ އެވެ.
މި ޢުދުވާނާ ގުޅިގެން ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލު ސިފައިން ވަނީ އައްދަމީރުގެ އެއް ކޮމްޕައުންޑަށް ވަދެކުރިން ވެސް މި ޖަމިއްޔާ ބަންދުކޮށް، ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައި ކަމަށެވެ. އެ އޮފީސްތަކުން އިޒްރޭލު ސިފައިން ވަނީ ފަރުނީޗަރުތަކާއި ލިޔެކިޔުމާއި ކޮމްޕިއުޓަރު ސިސްޓަމް ފަދަތަކެތި ގެންގޮސްފައި އެވެ.
އިޒްރޭލުގެ މިފަދަ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުން އަބަދު ތިބެން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ބުނެފައިވެ އެވެ.
ފަލަސްޠީނުގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ރާމަﷲ އާއި އެލް-ބީރެހްގައި ހިންގަމުންދާ ރެއިޑްތަކުގެ ތެރޭގައި ކުޑަކުއްޖެއްގެ ގަޔަށް ބަޑީގެ ޙަޤީޤީ ވަޒަނެއް އެރި ކަމަށާއި، ކަރުނަ ގޭހުގެ ސަބަބުން އިތުރު ބަޔަކަށް ނޭވައި ހާސްވުމުގެ އަސަރު ކޮށްފައިވެއެވެ.
ޖަމިއްޔާތަކަށް އަރައިގަތުމަކީ ފަލަސްޠީނުގެ މަދަނީ މުޖުތަމަޢާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ ދިގު ޙަމަލާ ސިލްސިލާގެ ބައެކެވެ. 2021 ގައި އިޒްރޭލުން ވަނީ އައްދަމީރާއި ފަލަސްޠީނު އަންހެނުންގެ ކޮމިޓީތަކުގެ އިއްތިޙާދު ހިމެނޭ ހަ ފަލަސްޠީނު ޖަމިއްޔާއެއް "ޓެރަރިސްޓް" ޖަމާޢަތްތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
1991 ގައި އުފެއްދި އައްދަމީރަކީ އިޒްރޭލާއި ފަލަސްޠީނުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ޤައިދީންނަށް ހިލޭ ޤާނޫނީ އެހީ ފޯރުކޮށްދީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އެ ފަރާތްތަކުގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެކެވެ. ހަމައެހެންމެ 1980 ގައި އުފެއްދި ފަލަސްޠީނު އަންހެނުންގެ ކޮމިޓީތަކުގެ އިއްތިޙާދަކީ ފަލަސްޠީނުގެ އަންހެނުން ބާރުވެރިކޮށް، އިޙުތިލާލާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ޖަމާޢަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް