ފުލުހުން ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ޕޮލިސް
ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ ފަރާތްތައް ޕްރޮފައިލްކޮށް ފުލުހަށް ހާޒިރުކުރުމުގެ ޚާއްޞަ މަސައްކަތުގެ ތެރެއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު ހަތަރު ދިވެހި ފިރިހެނަކު ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފިއެވެ.
މި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 20 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހެކެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ފެށި މަސައްކަތެއް ކަމަށާއި، ފުރަތަމަ މީހަކު ހާޒިރުކޮށް ނަސޭހަތް ދީފައިވަނީ އިއްޔެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހާޒިރުކުރި 18 އަހަރުގެ މީހާގެ ރެކޯޑުގައި ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުމާއި، ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ލައިސަންސް ނެތި ދުއްވުމުގެ އިތުރުން އުޅަނދަށް ދޫކޮށްފައިވާ ނަންބަރު ނޫން ނަންބަރެއް ހަރުކޮށްގެން ދުއްވުން ހިމެނެއެވެ. 20 އަހަރުގެ ފުރަތަމަ މީހާގެ ރެކޯޑުގައި ވަންވޭއާ ޚިލާފަށް ދުއްވުމާއި، ރަޖިސްޓްރީ ނުކޮށް ދުއްވުމާއި، ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ދުއްވުން ހިމެނޭ އިރު، ދެވަނަ 20 އަހަރުގެ މީހާ ވަނީ ގަޑިއަކު 106 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވައި، ލައިސަންސް ނެތި ދުއްވުމުގެ ހަތަރު މައްސަލައާ އެކު ރެކޯޑް ހަދައިފައެވެ.
22 އަހަރުގެ މީހާގެ ރެކޯޑް އެންމެ ދިގެވެ. އޭނާގެ ރެކޯޑުގައި ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ޚިލާފަށް ދުއްވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުމާއި، ގަޑިއަކު 83 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، މަނާ ތަންތަނުން ޔޫޓާން ނެގުމާއި، ސައިލެންސަރުން އަޑުގަދަކޮށް ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު މޮޑިފައިކޮށްގެން ދުއްވުން ހިމެނެއެވެ. އޭގެ އިތުރުން އިންޝުއަރެންސާއި ރޯޑްވާދިނަސް އަދި އަހަރީ ފީ ހަމަވެފައި ވަނިކޮށް ދުއްވުމާއި ރަޖިސްޓްރީ ކޮށްފައިވާ ޒޯން ނޫން ޒޯނެއްގައި ހުއްދަނެތި ދުއްވުމުގެ ރެކޯޑު ވެސް އެ މީހާގެ އެބައޮތެވެ.
މިފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތައް ދެނެގަނެ ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށާއި، މި ޢަމަލުތައް ހުއްޓައިނުލާ ނަމަ ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް