ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020: ރާވާ ހިންގުމުގައި ހީވާގި ޒުވާން ޓީމެއް!

ލ.ގަމު ތުނޑީ ޒުވާނުންގެ ޓީމެއް އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020" ފުޓްސަލް މުބާރާތް ވެގެންދާނީ ވަރަށް ވާދަވެރި މުބާރާތަކަށެވެ. މި މުބާރާތުގައި ...

14 Oct 2020 | 17:40

ލ.ގަމު ތުނޑީ ޒުވާނުންގެ ޓީމެއް އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020" ފުޓްސަލް މުބާރާތް ވެގެންދާނީ ވަރަށް ވާދަވެރި މުބާރާތަކަށެވެ. މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްގެ ވެސް އެންމެ ބޮޑު އަޒުމަކަށް ވާނީ މުބާރާތުގެ ތަށި އުފުލާލުންކަން ޔަގީނެވެ.

މުބާރާތުގައި ޓީމުތަކުގެ ވާދަވެރިކަން ބޮޑުވުމަކީ މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެން ދާނެ ސަބަބެކެވެ. މި މުބާރާތުގައި ބައިވެެރިވި ހުރިހާ ޓީމަކުންވެސް ދެކޭގޮތުގައި މި މުބާރާތަކީ ވަރަށް ފެންވަރު ރަނގަޅު އަދި އިންތިޒާމް ތައްވެސް އެހާމެ ފުރިހަމަ މުބާރާތެކެވެ. އެހެންކަމުން މި މުބާރާތް އިންތިޒާމުކުރި ގޮތާ މެދު ޓީމުތައް ވަރަށް ހިތްހަމަޖެހެއެވެ.

މުބާރާތުގައި ވާދަކުރާ ޓީމެއްގެ އޮފިޝަލަކު ބުނި ގޮތުގައި ހުރިހާ ކަމެއް ވެސް ދަނީ ވަރަށް އޮމާންކޮށް އަދި އިންތިޒާމުތައް ވެސް ވަރަށް ފުރިހަމަކޮށް ކަމަށެވެ. މި މުބާރާތަކީ ލ. އަތޮޅުގައި މިހާތަނަށް ބޭއްވޭ އެންމެ އިންތިޒާމު ރަނގަޅު، އަދި ގިނަ މައްސަލަތަކެއް ނެތި ކުރިއަށްދާނެ އެއް މުބާރާތަށް ވެގެން ދާނެކަމަށް އޭނާ ފާހަގަކުރިއެވެ.

"މިފަދަ މުބާރާތެއް އިންތިޒާމުކުރީތީ ތުނޑީ ޒުވާނުންނަށް  ވަރަށް ބޮޑު ޝުކުރެއް އަދާކޮށްލަން ބޭނުން. ހާއްސަކޮށް މުބާރާތް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން  ވަރަށް ބަރާބަރު. އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތަކު އެ އެހީތެރިކަން ފޯރުކޮށްދޭ. މިހާ އޯގަނައިޒްކޮށް ކުރިއަށްދާ މުބާރާތެއްގައި އަދި ބައިވެރިއެއް ނުވެވޭ،" އޭނާ ބުންޏެވެ.

ހަމަ ޔަގީނުންވެސް މިހާ އިންތިޒާމު ރަނގަޅު މުބާރާތެއް ރޭވިގެން ކުރިޔައް ދާނީ އެކަމުގެ ފަހަތުގައި ރަނގަޅު ޓީމެއް އޮވެގެންނެވެ. މި ޓީމު ވަރަށް ތަފާތެވެ.

މިއަހަރުގެ މި މުބާރާތުގެ އިންތިޒާމު ކޮމިޓީގެ ޗެއާއަކީ ހަސަން ޝަޙީދެވެ. ކޮމިޓީގެ ޗެއާ ކަމުގައިވީ ނަމަވެސް، ހަސަން ޝަހީދު ފެނިގެންދަނީ އަމަލީ ގޮތުން ކޮންމެ ކަމެއްގައި ވެސް ބައިވެރިވާ ވަރަށް ހީވާގި ޒުވާނެއްގެ ގޮތުގައެވެ.

ޝަހީދު ވިދާޅުވި ގޮތުގައި އެ މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ޗެއާކަން ކުރުމުގެ ފުރުސަތު ލިބުމުން އޭނާ ވަރަށް ފަހުރުވެރި ވެއެވެ. އިންތިޒާމު ކޮމިޓީގައި ގިނަ ޒުވާން މެމްބަރުންތަކެއް ހިމެނުމުން އެކަމާ ވެސް ވަރަށް އުފާކުރާ ކަމަށް ޝަހީދު  ވިދާޅުވިއެވެ.

ތުނޑީ ޒުވާނުން ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ކުޅުން މާދަމާރޭ ފަށާއިރު، މުބާރާތުގެ ފުރަތަމަ މެޗު ފަށާނީ މާދަމާ ރޭ 20:30  ގައެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަމު ތުނޑީ މެޓް ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް