މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރުކަމަށާއި އެޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާލުވެއްޖެ އެވެ.
ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ކޮމަންވެލްތުން މެމްބަރު ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޑިޒާސްޓަރ ރިސްކް ފައިނޭންސް ޕޯޓަލްއެއް ޤާއިމްކުރިކަމާއި، ބައިނަލްއަޤްވާމީ މާލީ ބާޒާރުން މެމްބަރު ޤައުމުތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރިކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އިތުރަށް ވިދާޅުވީ އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުންނާއި ސެކްރެޓަރީ ޖެނެރަލް ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކޮމަންވެލްތަކީ ކުދި ޤައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްއިއްޔާއެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި، ކޯވިޑް-19ގެ ސަބަބުން ކުދި ޤައުމުތަކަށް ލިބުނު ގެއްލުންތަކާ، މޫސުމީ ބަދަލުތަކަށް ރިޢާޔަތްކުރެވޭ ގޮތަށް އެބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮމަންވެލްތާއެކު ކުރިއަށް އޮތްތަނުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.
ވަރޗުއަލްކޮށް މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިނގިރޭސި ޚާރިޖީ ވަޒީރުން ޑޮމިނިކް ރާބް އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ވައުދުފުޅާ އެއްގޮތަށް ކޮމަންވެލްތާއި ދިވެހިރާއްޖެ އަލުން ގުޅުނީ 2020 ފެބްރުއަރީ 1 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް