މިއަދު މިވަނީ ރާއްޖެއަށް ހުނަރުވެރި ފަންނުވެރި ޒުވާނުންގެ ބޭނުންޖެހިފަ: ޑރ. އިބްރާހިމް ޙަސަން

މިއަދު މިވަނީ ދިވެހިރާއްޖެއަށް ހުނަރުވެރި، ފަންނުވެރި ޒުވާނުންގެ ބޭނުންޖެހިފައިކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޕޮ...

14 Oct 2020 | 13:21

މިއަދު މިވަނީ ދިވެހިރާއްޖެއަށް ހުނަރުވެރި، ފަންނުވެރި ޒުވާނުންގެ ބޭނުންޖެހިފައިކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ 45 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުން ނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ގައި މިނިސްޓަރ ވިދާޅުވީ މިއަދު ދިވެހިރާއްޖެއަށް ދިމާވެފައިވާ ހާލަތުގެ ގޮތުންނާއެކު މީގެ ކުރިން މީހުން ބިނާކުރި މިންވަރަށްވުރެން އިތުރަށް ފަންނީ މީހުން ބިނާކުރަންޖެހިފައިވާ ކަމަށެވެ.

"ވޮކޭޝަނަލް ޓްރެއިނިންގް އިންސްޓިޓުއުޓް ގެ ނަމުގައި 14 އޮކްޓޯބަރ 1975 ގައި އުފެދުނު އިރު އޭރު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މޯލްޑިވްސް އިލެކްޓްރިސީ ބޯޑަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމަށް ފެށި މަސައްކަތް މިއަދު މޯލްޑިވްސް ޕޮލިޓެކްނިކް ގެ ނަމަށް އިންސްޓިޓިއުޓް ބަދަލުވެގެން އައި އިރު މިވަނީ ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ ދާއިރާ ފުޅާވެ، ދިވެހިރާއްޖޭގެ އިޤްތިސޯދުގެ އެކި މަސައްކަތްތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުންވެސް އެތައް ގުނައަކުން އިތުރުވެފަ." މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން 45 އަހަރު ފުރޭ އަހަރީ ދުވަހުގެ ތަހުނިޔާ މޯލްޑިވްސް ޕޮލިޓެކްނިކްގެ އެންމެހާ މުވައްޒަފުންނާއި ދަރިވަރުންނަށް ދަންނަވާ، މިހާރުވެސް ވަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ މުވައްޒަފުން ތިއްބެވިކަން ފާހަގަ ކުރައްވާ އެބޭފުޅުންނަށްވެސް ޚާއްސަ ޝުކުރެއް މިނިސްޓަރ ވަނީ ދަންނަވާފަ އެވެ.

މީގެ އިތުރުން ފަންނީ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ފުޅާކޮށް މަސައްކަތުގެ ސްޕީޑް އަވަސް ކުރުމަށް ވެސް އިލްތިމާސް ކުރައްވާ މިނިސްޓަރ ވިދާޅުވީ ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެޑިޔުކޭޝަންގެ ރޮނގުން ދިވެހިރާއްޖޭގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ތަނެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންނާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންނާއި ދަރިވަރުންވެސް ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް