ކޮވިޑް-19ގެ ސަބަބުން އެޗް.ޕީ.އޭ އިން އެޅުއްވި ރައްކާތެރި ކަމުގެ ފިޔަވަޅުތަކައް ގެނެވުނު ލުއިތަކާއެކު އައިޖީއެމްއެޗުން ހިންގޭ ކްލިނިކްތަކާއި އެހެނިހެން ޚިދުމަތްތައް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެގޮތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގެ އޯޕީޑީގައި ޑޮކްޓަރުން ބަލިމީހުން ބައްލަވާނީ ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 16:00 އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
"ޓެލެފިޒިއޯ ކްލިނިކްތަކާއި ބަލިމީހުން ގެނެސްގެންދެވޭ ފިޒިއޮތެރަޕީ ގެ ޚިދުމަތްދިނުން ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 ން 16:00 އަށް ކުރިއަށް ގެންދާނެ. އޮންލައިންކޮށް ހިންގޭ ސްޕީޗް ތެރަޕީ ކްލިނިކްތަކުގެ އިތުރުން ބަލިމީހުން ގެނެސްގެންދެވޭ ސްޕީޗް ތެރަޕީ ޚިދުމަތްދިނުން ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 ން 16:00 އަށް ކުރިއަށް ގެންދެވޭނެ. އަދި ޑައިޓެޓިކްސް ގެ އޮންލައިން ކްލިނިކް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 ން 13:00 އަށް ކުރިއަށް ގެންދާނެ." އައިޖީއެމް ހޮސްޕިޓަލުން ބުންޏެވެ.
މީގެ އިތުރުން ހަފުތާއަކު ދެ ދުވަހު ޑައެޓެޓިކްސް ގެ ކްލިނިކް ހޮސްޕިޓަލުގައި ހިންގޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި 11 އޮކްޓޯބަރު 2020 އިން ފެށިގެން ދުރާލާ ރާވައިގެން ކުރަމުންގެންދާ އޮޕަރޭޝަންތައް ކުރުން ފެށިގެންދާ ކަމަށް ވެސް ބުންޏެވެ. އަދި ކުރިއެކޭވެސް އެއްފަދައިން ރޭޑިއޯލޮޖީ ޑިޕާޓްމަންޓުގެ ޚިދުމަތްތައް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 ން 16:00 އަށް ކުރިއަށް ގެންދެވޭނެ ކަމަށާއި ލެބޯޓްރީ ޓެސްޓްތައް ހެދުން ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 ން 16:00 އަށް ކުރިއަށްދާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.
އެ ހޮސްޕިޓަލުން ބުނީ ކުރިއެކޭވެސް އެއްފަދައިން އެމަޖެންސީގެ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން އެޗް.ޕީ.އޭ އިން އެޅުއްވި ރައްކާތެރިކަމުގެ ފިޔަވަޅުތަކައް ލުއިތަކެއް ގެނެވުނުނަމަވެސް، ބަލިމީހުންނަށް ޒިޔާރަތްކުރުމާއި ބަލިމީހާއާ އެކު އެއް އެހީތެރިއަކަށްވުރެ އިތުރަށް މަޑުކުރުމަށް ހުއްދަ ދެވެންނެތް ވާހަކަ ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް