ދަނޑުވެރިންގެ ދުވަހުގެ ޚާއްޞަ ފޯރަމް ފަށައިފި

ދަނޑުވެރިންގެ ދުވަހުގެ ޚާއްޞަ ފޯރަމް މިއަދު ފަށައިފި އެވެ. ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިންގެ ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރ...

14 Oct 2020 | 10:54

ދަނޑުވެރިންގެ ދުވަހުގެ ޚާއްޞަ ފޯރަމް މިއަދު ފަށައިފި އެވެ.

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިންގެ ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ދަނޑުވެރިންނަށާއި އާންމުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދާ މި ފޯރަމްގައި ދަނޑުވެރި ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ދަނޑުވެރިންގެ މަންދޫބުންނާއި، ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ފަޅުރަށްތަކުގެ މަންދޫބުން އަދި ދަނޑުވެރިކަމާ ގުޅުންހުރި ދައުލަތުގެ އެކި މުޢައްސަސާތަކާއި ދަނޑުވެރި ކޯޕަރޭޓިވްސްތަކާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ވިއްކުމުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުން 45 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގައި އަލަށް އުފައްދާފައިވާ ޕެސްޓިސައިޑް ޤާނޫނާއި ޤަވާޢިދުތަކުން ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް އަންނާނެ ބަދަލުތަކާއި، މިނިސްޓްރީގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ދޭ އާންމު ޚިދުމަތްތަކާއި، ދަނޑުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޙަރަކާތްތަކާއި މަޝްރޫޢުތަކުގެ އިތުރުން މިއަހަރު ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ސަރުކާރުގެ 100 އިންސައްތަ ޙިއްސާވާ ކުންފުނި، އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް ފޯރުކޮށްދޭނެ ޚިދުމަތްތަކާއި ބެހޭ މައުލޫމާތު ޙިއްޞާކޮށް، އެޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ފޯރަމްގެ ބައިވެރިންގެ ޚިޔާލު ހޯދާ މަޝްވަރާކުރުމަށް ހަމަޖެހިފައިވެ އެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ތަފާތު ޙަރަކާތްތަކެއް ހިންގަމުން އަންނަ އިރު، އޭގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ މައުލޫމާތު ދިނުމުގެ އޮންލައިން ސިލްސިލާ ޕްރޮގްރާމް 5 އޮކްޓޯބަރ އިން 13 އޮކްޓޯބަރ އަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި އާންމުންނަށް ބައިވެރިވެވޭނެހެން މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް 13 އޮކްޓޯބަރ އިން ފެށިގެން 15 އޮކްޓޯބަރ ގެ ނިޔަލަށް، ދުވަހާގުޅޭ ޚާއްޞަ ކުއިޒް މުބާރާތެއް މިހާރު ދަނީ ކުރިއަށެވެ.

މީގެ އިތުރުން ދަނޑުވެރިންގެ ދުވަހު، ހއ. މޮޅަދޫ، ވަށަފަރު އަދި އުލިގަމުގައި ގަސްބެހުމުގެ ޙަރަކާތެއް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގެ ރުއްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ރުކުގެ އައު ޖީލެއް އުފެއްދުމަށް ބޭނުންވާނެ މުޑުވައް އުފެއްދުމަށް ޚާއްޞަކޮށްގެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 100 ރުކުގެ ރުއް ދަނޑެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހިނގާ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ މީލާދީ އަހަރެއްގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަކީ ދިވެހި ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވާފަ އެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަޤީންކަން" މިޝިޢާރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް