ގެއްލުމެއްގެ ތެރޭގައި އިންސާނާ ނުވެ ސަލާމަތް ވާން ބޭނުން ނަމަ ކުށްފާފަތަކުން ދުރުހެލިވެ އެކަމުން ސަލާމަތްވާން މަސައްކަތް ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.
ކުށްފާފަ ތަކަށް އަރައިގަތުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އީމާންތެރިކަން ބަލިކަށި ވުމެވެ. އީމާންތެރިކަން ބަލިކަށި މީހާ ﷲ އަށް ބިރުވެތިވާލެއް ކުޑައެވެ. މި ކަމުގެ ނަތީޖާ އަކީ ކުށްފާފަތަކަށް އަރައިގަތުން މާ ބޮޑު ކަމަށް ނުދެކުމެވެ. ނަތީޖާއެއްގެ ގޮތުން މީހާ ޝުބުހާތުތަކުގެ ތެރެ އަށް ގެނބިގެން ދެއެވެ.
އިންސާނުން ކުށްފާފަ ކުރުމަށް މެދުވެރިވާ ސަބަބަކަށް އީމާންތެރިކަން ބަލިކަށިވުން ކަމަށް ވާއިރު، ކުށްފާފަތަކުން ދުރުހެލިވާން ބޭނުންވާ ނަމަ އީމާންތެރިކަން ވަރުގަދަ ކުރަން މަސައްކަތް ކުރަން ޖެހެއެވެ. އެގޮތުން އެންމެ ފުރަތަމަ މިކަމުގެ ސަބަބުތައް ދެނެގަތުން މުހިންމެވެ.
އަލްއިމާމް އިބްނުލް ޤައްޔިމް، ރަޙިމަހުﷲ، ފާހަގަ ކުރައްވާފައިވާ ގޮތުގައި ދިހަ ކަމެއް ދެނެގަންނަން ޖެހެއެވެ.
ފުރަތަމަ ކަމަކީ، ކުށްފާފަތަކުގެ ނުބައި ކަމާއި މުޑުދާރުކަމާއި، ﷲ އެކަންކަން ނަހީ ކުރައްވާފައި ވަނީ އިންސާނުންގެ ސަލާމަތަށް ކަން ދެނެގަތުމެވެ.
ދެވަނަ ކަމަކީ، ﷲ އަށް ތިމާ ލަދުވެތި ވުމެވެ. މިކަން ކުރެވޭނީ ތިމާގެ އަމަލުތައް ﷲ ބައްލަވާ ވޮޑިގެންވާނެ ކަން ގަބޫލު ކުރެވިގެންނެވެ. ތިންވަނަ ކަމަކީ، ﷲ ގެ ނިއުމަތްތަކާއި އިހުސާންތެރިކަމަށް ރިއާޔަތް ކުރުމެވެ. އެބަހީ އެކަންކަން ނެތިގެންދާ ސަބަބެއް ކަމުގައި ކުށްފާފަ ކުރުން ވެގެންދާ ހިނދު އެކަމަށް ސަމާލު ވުމެވެ. ހަތަރުވަނަ ކަމަކީ، ﷲ އަށް ބިރުވެތިވުމާއި އާޚިރަތުގެ އުގޫބާތަށް ޖެހިލުން ވުމެވެ. މިކަން ކުރެވޭނީ ﷲގެ ވަޢުދުފުޅުތަކާއި ވަޢީދުފުޅުތައް ޝައްކެއް ނެތި ހިތުގެ އަޑިން ގަބޫލު ކޮށްގެންނެވެ.
ފަސްވަނަ ކަމަކީ، ﷲ ދެކެ ލޯބި ވުމެވެ. ﷲގެ އަމުރުފުޅުތަކާ ޚިލާފު ނުވެ ކެތްތެރިވުމަށް އެންމެ ބާރު ލިބޭނެ އެއް ކަމަކީ މިއެވެ. ހަވަނަ ކަމަކީ، ނަފްސު ތަޒުކިޔާ ކޮށް ނަފްސުގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރުމެވެ. މިކަން ކުރެވޭނީ ނަފްސު ތާހިރުކޮށް ހެޔޮ އަމަލުން ޒީނަތްތެރި ކޮށްގެންނެވެ. ހަތް ވަނަ ކަމަކީ، ކުށްފާފަތަކުން ލިބޭ ދުނިޔަވީ ގެއްލުންތައް ދެނެގަތުމެވެ. މިގޮތުން މޫނުގެ އުޖާލާކަން ނެތި ދިއުމާއި، ހިތްދަތިކަމާއި ހިތާމަތަކާ ކުރިމަތިލާން ޖެހުމާއި، ހާސްވެ ކަންބޮޑުވުމާއި، ކަންކަމަށް ޖެހިލުންވުން ފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ ކަން ދެނެގަންނަން ޖެހެ އެވެ.
އަށް ވަނަ ކަމަކީ، ދުނިޔެއަކީ ވަގުތީ ތަނެއްކަން ގަބޫލު ކޮށް ދަތުރުވެރިޔަކު ފަދައިން އުޅުމެވެ.
ނުވަވަނަ ކަމަކީ، ކެއިންބުއިމާއި ހެދުންއެޅުމާއި ނިދުން ފަދަ ކަންކަމުގައި ކިރިޔާ ފުދޭ މިންވަރަށް އުޅުމެވެ. އެހެން ނޫންނަމަ ހަލާލު މިންވަރު ފަހަނައަޅައި ހަރާމްގެ ތެރެއަށް ވަދެވޭ ގޮތް ވެދާނެ އެވެ.
އެންމެ ފަހު އަދި އެންމެ ބޮޑު ކަމަކީ އީމާންތެރިކަން ވަރުގަދަ ކުރުމެވެ. މިއީ އިސްވެ ބުނެވުނު ހުރިހާ ކަމަކާ ވެސް ގުޅިފައިވާ ކަމެކެވެ. އަދި މިއީ ކުށްފާފަތަކުން ދުރުހެލިވުމުގެ މައިގަނޑު ވަސީލަތް ވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް