ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އިތުރު 200 މީހުން ފޮނުވާލައިފި އެވެ.
މި އެންމެންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ. މިއަދު ފުރުވާލި 200 މީހުން ދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ.
އެ އެއާލައިނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް މޯލްޑިވިއަން އިން 7،732 މީހުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި މިއަދު ކުރީ ގަވައިދާ ހިލާފަށް އުޅޭ މީހުން ގެންދަން ކުރި 40 ވަނަ ދަތުރު ކަމަށެވެ.
މީގެ ކުރިން ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބީމާ އެއާ އަދި އެ ގަުއމުގެ އަސްކަރީ މަތިންދާ ބޯޓުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ މީހުން ފޮނުވާލާފައިވެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުމަށް ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުން ފުރުވާލާފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 20،000 މީހުން ފުރުވާލުމެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީ، ފުލުހުން، އިމިގްރޭޝަން އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް