ޓޫރިސްޓުން 96 ގަޑިއިރު ނުވާ ކޯވިޑް ނެގެޓިވް ނަތީޖާއެއް ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކޮށްފި

ރާއްޖެ އަންނަ ޓޫރިސްޓުން 96 ގަޑިރު ނުވާ ކޯވިޑް ނެގެޓިވް ނަތީޖާ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ. ކޯވިޑް ނެގެޓިވް ނަތީޖާއެއް އޮންނަ ލިޔުމެއް ރާއްޖެ އަންނަ ޓޫރިސްޓުން ހުށަހަޅަން ޖެހޭގޮތަ...

14 Oct 2020 | 07:21

ރާއްޖެ އަންނަ ޓޫރިސްޓުން 96 ގަޑިރު ނުވާ ކޯވިޑް ނެގެޓިވް ނަތީޖާ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.

ކޯވިޑް ނެގެޓިވް ނަތީޖާއެއް އޮންނަ ލިޔުމެއް ރާއްޖެ އަންނަ ޓޫރިސްޓުން ހުށަހަޅަން ޖެހޭގޮތަށް ގަވައިދު ހަދައި އަމަލު ކުރަން ފެށީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަމަލު ކުރަމުން އައި ގަވައިދުގެ ދަށުން ރާއްޖެ އާދެވޭނީ 72 ގަޑި އިރު ހަމަނުވާ ކޯވިޑް ނެގެޓިވް ނަތީޖާއެއް ހިފައިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުން ފުރުމުގެ 96 ގަޑިއިރު ކުރިން ލިބިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ ބަލައިގަންނަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ނިންމައިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެ އަންނަ ޓޫރިސްޓުން އިމިގްރޭޝަންގެ "އިމުގަ” އޮންލައިން ޕޯޓަލް މެދުވެރިކޮށް ކޯވިޑަށް ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ މިނިސްޓްރީގެ އޮފިޝަލުން ޓޫޜިސްޓުން ކޯވިޑަށް ނެގެޓިވްކަން ޔަގީން ކުރުމަށް ތިބޭނެ ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރައްކާތެރިކަން ބޭރު ގައުމުތަކަށް ޔަގީން ކުރުމަށް އިތުރު އެހީއަކަށް ވާނެ އެވެ.

https://twitter.com/MoTmv/status/1316030000433299456

ސަރުކާރުން އަންނަނީ ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން، ޓްރެވަލް އިންޝުއަރެންސުން ކަވަރު ނުކުރާތީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ވަނީ ހާއްސަ އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފު ކޮށްފަ އެވެ.

އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެ އަށް އެއްފަހަރަށް ވުރެ ގިނައިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމު ވެސް ތައާރަފު ކޮށްފަ އެވެ.

މިހާރު ރާއްޖޭގެ 18 ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި 10 ޓޫރިސްޓުންނާއި 19 މުވައްޒަފުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް