ސައުތް އެމެރިކާ ވޯލްޑްކަޕް ކޮލިފައިން: ބްރެޒިލް އާއި އާޖެންޓީނާ ފަސްބެލުމެއްނެތި ކުރިޔަށް

ދެކުނު އެމެރިކާ ބައްރުގެ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ބްރެޒިލްއާއި އާޖެންޓީނާ މޮޅުވެއްޖެއެވެ. ރޭ ޕެރޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ ހެދި ހެޓްރިކާއެކު ބްރެޒިލް މޮޅުވީ 2-4 ގެ ނަތީޖ...

14 Oct 2020 | 05:14

ދެކުނު އެމެރިކާ ބައްރުގެ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ބްރެޒިލްއާއި އާޖެންޓީނާ މޮޅުވެއްޖެއެވެ.

ރޭ ޕެރޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ ހެދި ހެޓްރިކާއެކު ބްރެޒިލް މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 6 ވަނަ މިނަޓްގައި ޕެރޫގެ ކަރިއްލޯ އޭރިއާގެ ބޭރުން ކާމިޔާބުކޮށްދިން ލަނޑަކާއެކު ލީޑު ނެގިނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ނޭމާވަނީ ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭރިއާތެރެއިން ނޭމާގެ ޖާޒީގައި ހިފައި ވައްޓާލުމާއި ގުޅިގެން ލިބުނު މިޕެނަލްޓީ ނޭމާ ކާމިޔާބުކޮށްފައިވަނީ މެޗުގެ 28 ވަނަ މިނަޓްގައެވެ.

ޕެރޫއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ މެޗުގެ ދެވަނަ ހާފުގައި ކުރީކޮޅުގައި ޓަޕިއާ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އަދި އޭގެ ފަސް މިނަޓްފަހުން ރިޗާލިސަން ބްރެޒިލްއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން އިރު، ނޭމާއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގައި ލިބުނު ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ބްރެޒިލަށް ނޭމާ ލީޑު ނަގައިދިނީ މެޗުގެ 83 ވަނަ މިނަޓްގައެވެ.

އެއް ގޯލު ދަށުގައި އޮތް ޕެރޫއަށް އިތުރަށް މެޗު އުނދަގޫވެގެން ދިޔައީ ފުލުފުލުގައި ޕެރޫގެ ދެ ދެކުޅުންތެރިން ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ދެ ކުޅުންތެރިން މަދުކޮށް ކުޅެމުން ދިޔަ ޕެރޫ ކޮޅަށް ނޭމާގެ ތިން ވަނަ ލަނޑު ވައްދާލީ މެޗުގެ އިތުރު ވަގުތުގައެވެ. މިލަނޑަކީ ބްރެޒިލްގެ ރިބެއިރޯ ފޮނުވާލި ހަމަލާއެއް އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނޭމާ ކާމިޔާބުކުރި ލަނޑެކެވެ.

މިމޮޅާއެކު ބްރެޒިލަށް ތާވަލްގެ އެއްވަނަ ލިބެނީ ދެވަނާގައި އޮތް އާޖެންޓީނާއަށްވުރެ އިތުރަށް ފައިދާ ގޯލުންނެވެ.

އާޖެންޓީނާ ރޭ ބޮލީވިއާގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާގެ ލަނޑުތައް މާޓީނޭޒްއާއި ކޮރޭއާ ކާމިޔާބުކޮށްދިންއިރު، ބޮލީވިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މާޓިންސް މޮރޭނޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް