ޔޫއެފާ ނޭޝަންސް ލީގު: ޔޫކްރެއިން އަތުން ވަރުގަދަ ސްޕެއިން ބަލިވެއްޖެ

ޔޫރަޕުގެ 55 ގައުމުގެ މެދުގައި މިހާރު ކުޅެމުން އަންނަ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޔޫކްރެއިންއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން ބަލިވެއްޖެ އެވެ. ރޭ ޔޫކްރެއިން ގައި ކުޅުނު މެޗުން ސްޕެއިން ބަލިވީ 0-1 އިން...

14 Oct 2020 | 05:04

ޔޫރަޕުގެ 55 ގައުމުގެ މެދުގައި މިހާރު ކުޅެމުން އަންނަ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޔޫކްރެއިންއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން ބަލިވެއްޖެ އެވެ.

ރޭ ޔޫކްރެއިން ގައި ކުޅުނު މެޗުން ސްޕެއިން ބަލިވީ 0-1 އިންނެވެ.

ރޭގެ މެޗުގައި ސްޕެއިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ސްޕެއިން ކޮޅަށް ޔޫކްރެއިން އިން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 76 ވަނަ މިނެޓްގައެވެ. މި ލަނޑު ޔޫކްރެއިން އަށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވިކްޓާ ސިގަންކޯވް އެވެ.

ޔޫކްރެއިންގައި ރޭ ކުޅުނު މެޗުގައި ސްޕެއިން އިން 21 ހަމަލާ އެއް ޔޫކްރެއިންގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފައިވެ އެވެ. މެޗުގައި ސްޕެއިން އިން ޔޫކްރެއިންގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޫކްރެއިންގެ ގޯލްކީޕަރު ޖިއޮގީ ބުޝަން އެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް ސްޕެއިން ހިމެނޭ ގްރޫޕްގެ އެއް ވަނައިގައި އަދިވެސް އޮތީ އެ ޓީމެވެ. ޔޫކްރެއިން އާއި ދެން އެ ގްރޫޕްގައި ހިމެނޭ އެއް ޓީމު ކަމަށްވާ ޖަރުމަނު އޮތީ ސްޕެއިން އަށްވުރެ އެއް ޕޮއިންޓް ފަހަތުގަ އެވެ. ޖަރުމަނުން ރޭ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް