ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ނޭހާ ކައްކަރާއި އަދިތިޔާ ނަރަޔަން ލޯބީގެ ގޮތުން ގުޅި، ކައިވެނި ކުރަން ނިންމައި އާއިލާގެ ރުހުން ލިބިފައިވާކަމަށް މިދިޔަ އަހަރުގެ އިންޑިއަން އައިޑޮލް ސީޒަންގައި ދައްކާފައިވެ އެވެ.
ވަރަށް އަސްލާއި އެއްގޮތަށް ފެނިގެންދިޔަ އެ މަންޒަރުތަކުން ގިނަ ބަޔަކަށް ވަނީ އެ ދެމީހުންގެ ގުޅުން ޔަގީން ކުރެވިފައި އެވެ. ދެ ފަރާތު އާއިލާ ޝޯއަށް ގޮސް ކައިވެންޏަށް ރުހުން ދީފައިވެ އެވ
ފަހުން ހާމަކުރި ގޮތުގައި އެއީ ޝޯ ޕްރޮމޯޓުު ކުރުމަށް ކުރި މަސައްކަތެކެވެ. އެ ދެމީހުންގެ ދެމެދުގައި އެފަދަ އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކު ނޭހާ އާއި އަދިތިޔާ އާއި ގުޅުވައިގެން ވާހަކަދެއްކުން މިހާތަނަށްވެސް ހުއްޓިފައެއް ނުވެ އެވެ.
އެކަމަކު މިހާރު އެވާހަކަތައް ހުއްޓާލަން ޖެހިފައިވަނީ ދެ މީހުންވެސް އެހެން މީހުންނާއި ކައިވެނި ކުރާކަން އިއުލާނު ކުރި ހިސާބުންނެވެ.
ނޭހާ ވަނީ މިއުޒިޝަން ރޯހަން ޕްރީތް ސިންގް އާއި މިމަހުގެ 26 ގައި ކައިވެނި ކުރާކަން އިއުލާނުކޮށްފައި އެވެ. އަދި އަދިތިޔާ ވަނީ 10 އަހަރުވީ އޭނާގެ ސިއްރު ލޯބިވެރިޔާ ކަމަށްވާ ބަތަލާ ޝްވެތާ އަގަރްވާލް އާއި މިއަހަރު ނިމުގެ ކުރިން ކައިވެނި ކުރާނެ ކަން އިއުލާނުކޮށްފައި އެވެ.
އެހިސާބުން ދެ ތަރިންނާއި އެންމެން ކުރަމުންދާ ސުވާލަކީ އެކަކު އަނެކަކުގެ ކައިވެނި ހަފްލާއަށް ދާނެތޯ ކުރާ ސުވާލެވެ. މި ސުވާލުގެ ޖަވާބުގައި އަދިތިތާ ބުނީ އޭނާ ނޭހާގެ ކައިވެނި ހަފްލާއަށް ނުދާނެ ކަމަށެވެ.
އިތުރު ތަފްސީލް ދެމުން ބުނީ ނޭހާގެ ކައިވެނި ހަފްލާގެ ދައުވަތު ލިބިފައިވާ ކަމަށާއި އެ ކައިވެނި ހަފްލާ އޮތީ އިންޑިއާގެ ވެރިރަށް ދިއްލީގައި ކަމަށެވެ. އޭނާ މިވަގުތު ހުރީ މުމްބާއީގައި އެވެ.
އަދިތިޔާ ބުނީ އޭނާ ކޮނޑުގައި ރިއްސާތި އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އެހެންވެ އޭނާއަށް އެ ހަފްލާއަށް ދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށާއި އެކަމަކު މިއުޒިކީ ގިނަ ފަންނާނުން އެ ހަފްލާގައި ބައިވެރިވާ ކަމަށެވެ.
ނޭހާ އާއި ރޯހަން ބައްދަލުވެ ލޯބީގެ ގޮތުން ގުޅުނީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުންގައި އޮތް އިރު އެވެ. އަދިތިޔާ ބުނީ އޭނާގެ ލޯބިވެރިޔާ އާއި އޮތް ގުޅުން މިހާ ދުވަހު ސިއްރުކޮށްފައިވަނީ ދެ މީހުންގެ ކެރިއަރަށް އިސްކަން ދިނުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް