ތިބާގެ ދުވަސް ފެށުމުގައި ހުންނަ މިޒާޖަކީ، އެދުވަހުގެ ބާކީ އޮތް ވަގުތުތަކުގައި ތިބާ ކުރާ ކަންކަމަށް އަސަރު ކުރުވާ ކަމެކެވެ. ލަހުން ހޭލެވުމާއި، ހޭލެވޭއިރުވެސް ކަންބޮޑުވެފައި އޮތުމާއި، އެއްވެސް ކަމެއް ކުރަން ބޭނުންނުވުމުގެ އިހުސާސްތައް ކުރެވުމަކީ ބައެއް މީހުން ތަހައްމަލުކުރާ އިހުސާސްތަކަކެވެ. މިފަދަ ޚިޔާލާތުގެ ސަބަބުން މިޒާޖަށް އަސަރުކުރެއެވެ. އަދި އޭގެ އަސަރު ހަށިގަނޑުގައި ހިނގަންފެށުމުން، އެދުވަހު ކުރަންޖެހޭ ކޮންމެ ކަމެއްގައިވެސް ފޫހިކަމާއި، ނުރުހުމާއި، ކުރާހިތް ނުވުންފަދަ ނުރަނގަޅު އިހުސާސްތަކެއް އެކުވެއެވެ. މިކަން ޙައްލު ކުރުމަށް ފަހި ވިސްނުމަކުން ދުވަސް ފެށުން މުހިންމެވެ.
ފަތިހު ހޭލުމަކީވެސް އޭގެ ޒާތުގައި ތާޒާކަމާއި އާރޯކަން ގެނެސްދޭ ކަމެކެވެ. މުސްލިމެއްގެ ދުވަހުގެ ފެށުމަކީ ފަތިސްނަމާދެވެ. ފަތިސްނަމާދަށް ހޭލައި، ވުޟޫކޮށްލައި، ނަމާދުކޮށް އަދި ފަތިހުގެ އެ ބަރަކާތްތެރި ވަގުތުގައި މާތް ﷲ ހަނދުމަކޮށް ޒިކުރުތައް ކޮށް ދުޢާކުރުމީ، ތިމާގެ އެދުވަހުގެ ފެށުން ހެޔޮ ގޮތުގައި ފެށުމަށްޓައިދޭ ކަމެކެވެ. ހެނދުނާ ހަވީރުގެ ދުޢާތަކުގައިވަނީ މިމާނައިގައިވާ ދުޢާތަކެވެ. ދުވަސް ފެށޭހިނދު ކިޔުމަށް ސުންނަތްވެގެންވާ ދުޢާތަކުގައި ހިމެނެނީ، މާތް ﷲ ގެ އެއްކައުވަންތަކަމަށް އިޤުރާރުވުމާއި، އެދުވަހުގައި ބަރަކާތް ލެއްވުމާއި، ދުޅަހެޔޮ ޞިއްޙަތެއް ދެއްވުން އެދިކުރާ ދުޢާތަކެވެ.
ފަތިސް ނަމާދަށް ނުހޭލައި ނިދަން އޮންނަ މީހާއަކީ އޭނާގެ ކަންފަތަށް ޝައިޠާނާ ކުޑަކުމު ގޮސްފައިވާ މީހެއްކަމުގައި ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ. އަދި ރޭ އަޅުކަމާއި ފަތިސް ނަމާދަށް ތެދުވިޔަ ނުދިނުމަށްޓަކައި ޝައިޠާނާ ގަދައަޅައި މަސައްކަތް ކުރެއެވެ.
ޞަޙީޙުލް ބުޚާރީ އާއި ޞަޙީޙު މުސްލިމުގައި ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. “يَعْقِدُ الشَّيطَانُ عَلَى قَافِيَةِ رَأسِ أحَدِكُمْ، إِذَا هُوَ نَامَ، ثَلاَثَ عُقَدٍ، يَضْرِبُ عَلَى كُلِّ عُقْدَةٍ: عَلَيْكَ لَيْلٌ طَويلٌ فَارْقُدْ، فَإن اسْتَيقَظَ، فَذَكَرَ اللهَ تَعَالَى انحَلَّتْ عُقْدَةٌ، فَإنْ تَوَضّأ، انْحَلّتْ عُقدَةٌ، فَإنْ صَلَّى، انْحَلَّتْ عُقَدُهُ كُلُّهَا، فَأصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإلاَّ أصْبحَ خَبيثَ النَّفْسِ كَسْلاَنَ” މާނައި: “ތިޔަބައިމީހުންކުރެ ހަމަ ކޮންމެ މީހަކުމެ ނިދާން އޮށޯންނަ ހިނދު، ޝައިޠާނާ އައިސް، އޭނާގެ ފުށްކިބައިގައި ތިން ގޮށް ޖަހައެވެ. އެއިން ކޮންމެ ގޮށަކަށް، އެކަލޭގެ ކިޔެވެލިކިޔަވައެވެ. (ބުނެއެވެ.) ތިބާއަށް ދިގު ރޭގަނޑެއް ލިބިގެންވެއެވެ. އަރާމުކޮށް ނިދައިލާށެވެ! ފަހެ، އޭޏާ ހޭލައިގެން ތެދުވެ، ﷲ ތަޢާލާ ހަނދުމަކޮށް، އެކަލާނގެ ޒިކުރުކޮށްފިނަމަ، އެއިން އެއް ގޮށް މޮހިދެއެވެ. ފަހެ، އޭނާ ވުޟޫކޮށްފިނަމަ، އަނެއް ގޮށް މޮހިދެއެވެ. އޭނާ ނަމާދުކޮށްފިނަމަ، އެކަލޭގެ ޖަހައިފައިވާ ހުރިހައި ގޮށެއް މޮހިދެއެވެ. އެހިނދު، އޭނާ ފަތިސްނަމާދު ކުރާހުށީ، މުރާލިކަމާއެކު ހިތްހަމަޖެހިގެންވާ ޙާލުގައެވެ. އެހެން ނޫންނަމަ، އޭނާ ފަތިސްނަމާދު ކުރާހުށީ، ކަންނެތްކަމާއި، ހިތް ނުތަނަވަސްކަމާ އެކުގައެވެ.”
ވީމާ، ކަންނެތްކަން ފިލުވައިލައި، ފިހި ވިސްނުމަކާއެކު ދުވަސް ފެށުމަށް އޮތް އެންމެ މުހިންމު، އަދި އެންމެ ހެޔޮ ވަސީލަތަކީ، ފަތިސް ނަމާދުކުރުމާއި، ނަމާދަށްފަހު ދުޢާކޮށް ޒިކުރު ކޮށްލުމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ.
މައުލޫމާތު: ޝައިޚްފިކްރީ.ކޮމް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް