ބީއެމްއެލް އީކޮމާސް ލިމިޓް ރިސެޓްވާ ވަގުތު ސިކުންތަކު 70 އަށް ވުރެ ގިނަ މުއާމަލާތް ހިނގާ

ޓީމޫ އެމެޒޯން އެޕަލް އަދި އަލީބާބާ ފަދަ މަޤުބޫލު އީކޮމާސް ސައިޓްތަކަށް ކޮންމެ ދުވަހެއްގެ ލިމިޓް ރިސެޓްވާ ވަގުތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިސްޓަމް ތެރެއިން ސިކުންތަކު 70 އަށް ވުރެ ގިނަ މު...

14 Sep 2026 | 15:18
ބީއެމްއެލްގެ ކާޑެއް ބޭނުން ކުރަނީ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ކާޑެއް ބޭނުން ކުރަނީ -- ފޮޓޯ: ބީއެމްއެލް

ޓީމޫ އެމެޒޯން އެޕަލް އަދި އަލީބާބާ ފަދަ މަޤުބޫލު އީކޮމާސް ސައިޓްތަކަށް ކޮންމެ ދުވަހެއްގެ ލިމިޓް ރިސެޓްވާ ވަގުތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިސްޓަމް ތެރެއިން ސިކުންތަކު 70 އަށް ވުރެ ގިނަ މުއާމަލާތް ހިނގަމުންދާ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ބައިނަލްއަޤުވާމީ އީކޮމާސް ޕްލެޓްފޯމްތަކުގެ ދުވަހު ލިމިޓް ކޮންމެ ދުވަހަކު ހެނދުނު 7:00 ގައި ރިސެޓްވެއެވެ. ކަސްޓަމަރުންގެ އެދުމާ އެއްގޮތަށް އެ ގަޑި ހާމަކުރި ހިސާބުން ގިނަ ބަޔަކު ގަންނަން ބޭނުންވާ ތަކެތި ކާޓަށް އަޅައި ތައްޔާރަށް ތިބެއެވެ. އެހެންކަމުން ޑިމާންޑު ބޮޑު ސައިޓްތަކުގެ ދުވަހު ލިމިޓް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުސްވެއެވެ.

ބީއެމްއެލް ކާޑުތައް މެދުވެރިކޮށް 40,000 އަށް ވުރެ ގިނަ އީކޮމާސް ސައިޓުން ވިޔަފާރިކުރަމުން އަންނައިރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 20,000 އަށް ވުރެ ގިނަ މުއާމަލާތް ހިންގާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އެންމެ ބޮޑު ޑިމާންޑެއް އޮންނަ ސައިޓުތަކަށް ކަނޑައަޅާފައިވާ މިންވަރު ލިމިޓް ރީސެޓްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަވަނީ ސިކުންތަކު 70 އަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ސިސްޓަމް ތެރެއިން ހިނގަމުންދާތީ" ސައީދު ވިދާޅުވިއެވެ.

ދުވަހު ލިމިޓް ހަމަވެއްޖެ ނަމަ ކަސްޓަމަރުންނަށް ވަގުތުން އެ ކަން އެންގުމާ އެކު ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތްކުރުމަށް އިރުޝާދު ދޭ ކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަން ފަދަ ކެޓަގަރީތަކުން ދުވަސް ނިމޭ އިރު ވެސް ލިމިޓުން ބާކީ ހުންނައިރު އެއީ ޢާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ހުރިހާ ވަގުތެއްގައި ވެސް ފުރުޞަތު ލިބޭ ކަމުގެ ހެއްކެކެވެ.

ބީއެމްއެލް އިން ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބައިނަލްއަޤުވާމީ އީކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 16 މިލިއަން ޑޮލަރުގެ ލިމިޓެއް ކެޓަގަރީތަކަކަށް ބަހާލައިގެން ކަނޑައަޅާފައިވެއެވެ. އެގޮތުން އެންމެ ގިނައިން ބޭނުންކުރާ 150 އީކޮމާސް ޕްލެޓްފޯމަށް ތިން މިލިއަން ޑޮލަރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް 1.5 މިލިއަން ޑޮލަރު ދަތުރުފަތުރާއި ހޮޓެލް ބުކިންގަށް ހަ މިލިއަން ޑޮލަރު ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި ޚިދުމަތްތަކަށް ތިން މިލިއަން ޑޮލަރު އެހެނިހެން އޮންލައިން ވިޔަފާރިތަކަށް 1.8 މިލިއަން ޑޮލަރު ހިމެނެއެވެ. ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތްތަކަށް ލިމިޓެއް ނެތި ކޮންމެ ވަގުތެއްގައި ވެސް ފައިސާ ދެއްކޭ ގޮތަށް ޚާއްޞަ ބަފަރެއް ވަނީ ކަނޑައެޅިފައެވެ.

މި ބަދަލުތައް ގެނެސްފައި ވީ ނަމަވެސް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނާއި ބޭރުގައި ކިޔަވާ ދަރިވަރުންނާއި ދިރިއުޅޭ ދިވެހީންނަށް ބޭރުގައި ކާޑު ބޭނުންކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. މި އަހަރުގެ ޖެނުއަރީން އޮގަސްޓްގެ ނިޔަލަށް އީކޮމާސް ހިމެނޭ ގޮތަށް ކާޑު މުއާމަލާތްތަކުގައި މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ބީއެމްއެލް އިން ހޭދަކޮށްފައިވާއިރު ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ޚާއްޞަކޮށްފައިވެއެވެ. މުއާމަލާތްތައް ދައުރުވާ ގޮތާއި ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް މި އަދަދުތައް މުރާޖަޢާ ކުރަމުން ގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް