އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް
މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ މި ސަރުކާރު ވެރިކަމަށް އައި އިރު އަގު ހުރި ވަރަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޑޮލަރު ރޭޓަކީ 15.42 ލާރި ކަމަށްވިޔަސް އެ އަގުގައި ޑޮލަރު ލިބުން ވަރަށް ދަތި ކަމަށެވެ. ސީދާ އެ އަގަށް ތިރި ނުކުރެވުނަސް ސަރުކާރުން ޑޮލަރުގެ އަގު ތިރި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ޑޮލަރު ރޭޓު ހުރީ 17 ރުފިޔާ އާއި 19 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ކަމަށެވެ. އެއީ މި ސަރުކާރު ވެރިކަމަށް އައި އިރު ހުރި އަގު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ އިގްތިޞާދީ ގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ވިޔަފާރިވެރިންނާއި، ޚާއްސަކޮށް ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެ ފަރާތްތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކާއެކު ސަރުކާރުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށާއި ތިރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި، މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އަރުވާ ކަމަށެވެ.
ސަރުކާރުން ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް ޓާސްކްފޯހެއް އެކުލަވާލައި މަސަތްކަތް ފެށީ އިރު އަގު ހުރީ 23 ރުފިޔާގައި އެވެ. ނަމަވެސް ޑޮލަރުގެ އަގު މިހާރު ދަށްވެފައިވާ ކަމަށް އާންމުންވެސް ބުނެ އެވެ.\
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް